ރާއްޖޭގެ ތަރައްގީގެ މާސްޓަރ ޕްލޭންގައި ރައްޔިތުންގެ ބައިވެރިވުން އޮންނާނެ: ރައީސް

1 month ago

އަފްރާހް

ރާއްޖޭގެ ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭން، ކުރިއަށް އޮތް 20 އަހަރަށް ހެދުމުގެ މަސައްކަތް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.


ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިކަން ހާމަކުރައްވާފައިވަނީ މިކަމާގުޅޭ ގޮތުން ވީޑިއޯ މެދުވެރިކޮށް މައުލޫމާތު ދެއްވަމުންނެވެ.


ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މި ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަންކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމުޢިއްޔާ ޖަމާއަތްތަކާ ކަމާގުޅޭ އެކިއެކި ތަޖުރިބާކާރުންނާއި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައި ވިދާޅުވިއެވެ.


މީގެއިތުރުން މި ޕްލޭނަކީ ރައީސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ގާނޫނީ ބާރުވެރިކަން ލިބޭ ޕްލޭނަކަށް ހެދުމަށް ހާއްސަކޮށް މި ޕްލޭނަށް ގާނޫނެއް ވެސް ހައްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކިޕާޓީތަކާއި ގައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.


އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް 20 އަހަރު ދުވަހަށް ގައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެ ކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުންކަމުގައެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މި މަސައްކަތް ފެށިގެންދާއިރު، މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުން ކަމުގައި ވިދާޅުވިއެވެ.


މި ޕްލޭން ހެދުމަކީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ތެރޭގައާއި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ތަރައްގީގެ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު