ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވައިފި

1 month ago

އަފްރާހް

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރައްވައިފިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.


އައްބާސް އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒުއެވެ.


ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އައްބާސް ހުންނެވީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައެވެ.


ޕީޖީގެ މަގާމު ހުސްވީ އެމަގާމަގުގައި ކުރިން ހުންނެވި އަލްއުސްތާޛު ހުސައިން ޝަމީމް، އެ މަގާމުން ވަކިކުރުމުގެ މައްސަލަހުށާފައިވަނީކޮށް އިސްތިއުފާދެއްވުމުންނެވެ. އެ މަގާމަށްކުރިމަތިލުމަށް ހުޅުވައިލުމުން ހަ ބޭފުޅުން ކުރިމަތިލެއްވިނަމަވެސް ރުހުން ހޯދުމަށް ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ.


ރައްޔިތުންގެ މަޖިލީހުން އައްބާސް އަށް ރުހުން ދީފައިވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ސެޕްޓެމްބަރ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އައްބާސްއަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އެހުމުން 85 މެންބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފައެވެ.


ގިނަ ދުވަސް ވަންދެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އައްބާސް ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމާއި ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމު ފުރުއްވާފައެވެ. އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވެސް ޔާމީންގެ ދިފާއުގައި ވަނީ ވަކާލާތު ކުރައްވާފައެވެ.


ޔުނިވަރސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ ތައުލީމު ހާސިލުކުރެއްވުމަށްފަހު، އައްބާސް ވަނީ ރާއްޖޭގައި ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު