ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހު 26 އަށް އިތުރުކޮށްފި

1 month ago

އަފްރާހް

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.


މިނިސްޓްރީން ވަނީ މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށް އިތުރުކޮށްފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އިންނެވެ.


އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 2 ޖަހަންދެނނެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް info@youth.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.


ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.


އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި އިގްތިސާދު، އާރޓްސް އެންޑް ކަލްޗަރ- ފަންނުވެރިކަމާއި ސަގާފަތް ދިރުވުން، މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން، ދަރުމަވެރިކަން، ވޮކޭޝަނަލް ޓްރެއިނިންގ- ދަސްކޮށްދިނުން ހިމެނެއެވެ. އަދިި ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުމާއި މަސްވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާ ވެސް ހިމެނެއެވެ.


މީގެއިތުރުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުމާއި ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން ވެސް ހިމެނެއެވެ. އަދި ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުމާއި ކުޅިވަރުގެ ދާއިރާއިން- ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތަކަށާއި ފަންނިއްޔާތުގެ ދާއިރާ އާއި ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.


މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.


ކިޔުންތެރިންގެ ހިޔާލު