ކުންފުނީގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

1 month ago

އަފްރާހް

ކުންފުނީގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ.


މިއީ 2024 ސެޕްޓެމްބަރ 17 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި 3 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.


މި އިސްލާހުގައި، ޤާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު ތިން ދުވަހަށް ބަދަލުކޮށް އަދި އެ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 3 މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމުގައި ކަނޑައަޅާފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށްފައިވެއެވެ.


މީގެއިތުރުން 100 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ޕްރައިވެޓް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުމަށް ކަނޑައަޅާފައިވާ މުއްދަތު މަދުވެގެން ހަތް ދުވަސް ކުރިން ފޮނުވަން ޖެހޭގޮތަށް ބަދަލުކޮށް، އެ މާއްދާގެ (2) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ، މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ކަނޑައަޅާފައިވާ މުއްދަތުވެސް މަދުވެގެން 7 ދުވަސް ކުރިން ނޯޓިސް ފޮނުވަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.


މި އިސްލާހުގައި، މި ޤާނޫނުގެ 113 ވަނަ މާއްދާގެ (ށ) ގައި، ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން 2 ޑިރެކްޓަރުން ތިބެންވާނެ ކަމަށާއި މި މާއްދާގެ (ނ) ގައި، ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ޤާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ޤާނޫނެއްގައި ނުވަތަ ޤަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ ޢަދަދު އިތުރުކުރުމަށް މި މާއްދާ ހުރަސް ނާޅާނެކަމަށް ކަނޑައަޅާފައިވެއެވެ.


މި ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތަށް ރަޖިސްޓަރަރގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން އައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މަޢުލޫމާތާއެކު ރަޖިސްޓްރާރއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާގޮތަށް ރަޖިސްޓަރަރގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި މެނޭޖިންގ ޑިރެކްޓަރެއް އައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މަޢއުލޫމާތާއެކު ރަޖިސްޓްރަރއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ.


މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ގާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. އެހެންވެ، މިހާރު މި ގާނޫނަށް ިހާރު ޢަމަލުކުރަން ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު