ރާއްޖޭގެ މަގުތަކުގެ އަމާންކަން ރައީސް ކަށަވަރުކޮށްދެއްވާނެ: ހީނާ

1 month ago

އަފްރާހް

ރާއްޖޭގެ މަގުތަކުގެ އަމާންކަން ބެލެހެއްޓުމާއި މަގުތަކުގެ އަމާންކަން ކަށަވަރު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.


ހީނާ ވަލީދު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.


ރައީސް މިކަމަށް ދެއްވާ އިސްކަންދެއްވާ ހާއްސަ އިސްކަން ހާމަކުރައްވަމުން ހީނާ ވަނީ ރައީސް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވެސް އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވާކަން ހާމަކުރައްވާފައެވެ.


އެގޮތުން މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން އަދި ސަމާލުކަން ދެއްވާ ކަމެއްކަން އެމަނިކުފާނުގެ ޕޯސްޓުގައި ވަރަށް ބޮޑަށް ފާހަގަކޮށްދެއްވައި، އެކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމުގައި ހީނާ ވިދާޅުވިއެވެ. އަދި މިފަދަ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ އިދާރާތަކަށް 8 ކަމެއް ތަންފީޒުކުރެއްވުމަށްޓަކައި ރައީސް މިހާރު އަންގަވާފައިވާ ކަމުގައި ހީނާ ވިދާޅުވިއެވެ.


އެއާއެކު އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް މުއައްސަސާތަކުން މިހާރު މަސައްކަތްތައް ފައްޓަވައިގެން ކުރިއަށްގެންދަވާ ކަމަށާއި އެގޮތުން މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ޢަދަދު އިތުރުކުރެވި، މޮނިޓަރިންގެ މަސައްކަތްތައް ފުޅާކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މާލޭގެ އިތުރުން ރަށްރަށުގައި ވެސް މިކަންކަމަށް ސަމާލުކަންދެވިގެން މަސައްކަތްތައް ހިނގަމުންދާކަމުގައި ހީނާ ވިދާޅުވިއެވެ.


ހީނާ ވިދާޅުވީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމަށް މިހާރުވެސް ގާނޫނުތަކާއި ގަވާއިދުތައް ހެދިފައި އެބަހުރި ކަމަށާއި ގާނޫނުތަކާއި ގަވާއިދުތަކަށް ހުރިހާ އެންމެންވެސް އަހުލުވެރިވެ، ސަމާލުކަންދެއްވައިގެން ފަރުދީ ޒިންމާ އަދާކުރުމަށް ހީނާ އެދިވަޑައިގެންނެވިއެވެ. 


ކިޔުންތެރިންގެ ހިޔާލު