ކުންޏަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެބޮޑު މައްސަލަ: މިނިސްޓަރ

1 month ago

އަފްރާހް

ކުންޏަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެބޮޑު މައްސަލަ ކަމުގައި އެންވަޔަރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތައް 20 ރަށެއްގެ ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


މާލެ ސަރަހައްދުގައި ހިމެނޭ ކުދި ރަށްތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖު ނުކުރެވުން ކަމަށާއި މިގޮތަށް ދިމާވަނީ އެ ރަށްރަށުގައި ކުނި މެނޭޖްކުރަން ބޭނުންވާ އިމާރާތްތައް އަޅަން ބިން ނެތުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ގްރޭޓަރ މާލޭ އެންވަރަޔަމަންޓް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ރީޖަނަލް ސެންޓަރެއް ތަރައްގީކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ރީޖަނަލް ސެންޓަރާއެކު މާލެ ސަރަހައްދުގައި ހިމެނޭ ކުދި ރަށްތަކުގައި ކުނި މެނޭޖްނުކުރެވޭ މައްސަލައަށް ވަށައިޖެހޭ ހައްލެއް ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ.


ވޭސްޓް މެނޭޖްމެންޓް ސެންޓަރ ހެދުމުގެ މަސައްކަތް 2026 ވަނަ އަހަރު ނިންމާގޮތަށް ރޭވިފައިއޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު