ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާއެއް ބާއްވަނީ

1 month ago

އަފްރާހް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާއެއް ބާއްވަން ނިންމައިފިއެވެ.


މިކަން އިއުލާން ކުރެއްވީ ސެޕްޓެމްބަރ 18 ވީ ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.


އެމަނިކުފާނު ވިދާޅުވީ މި މަހާސިންތާ މި ސެޕްޓެމްބަރ މަހުގެ 21 ވާ ހޮނުހިރު ދުވަހު ފަށާނެކަމަށެވެ.


އިމާމުން ބިނާކުރުމަށާއި ތަމްރީން ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާކަން ހާމަކުރައްވައި މިނިސްޓަރ ވަނީ މި މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމައަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމައުގައި އިމާމުން ދައުރާއި އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ އިމާމުން ތަމްރީންކުރެވޭނެ ކަމަށެވެ.


ޑރ. ޝަހީމް ވިދާޅުވީ އިސްލާމް ދީނުގައި މިސްކިތްތަކަކީ ދީނީ އުންމަތެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް ކަމަށާއި މިކަންކަން އިމާމުންނަށް އެނގެންޖެހޭ ކަމަށެވެ. އަދި މިކަމާ ބެހޭގޮތުން މަހާސިންތާގައި މައުލޫމާތު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މި މަހާސިންތާގައި އޮންލައިންކޮށް އަދި ހާޟިރުވެގެން 388 އިމާމުން ބައިވެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު