އޮފީސްތަކުގެ ޓެލެޑްރާމާ އޮލިމްޕަހުގައި ދައްކައިގެން އާމްދަނީ ލިބޭނެގޮތެއް ހަދަނީ

3 months ago

އަފްރާހް

އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުސޫލުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445" އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ވިދާޅުވީ މިގޮތުން ޑްރާމާތައް އޮލިމްޕަހުގައި ސްކްރީންކޮށް، ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީގެ ޕަސެންޓޭޖެއް ޑްރާމާ އުފައްދާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.


މީގެއުތުރުން މިނިސްޓަރ ވަނީ އޮފީސްތަކުގެ ޓެލެޑްރާމާގެ ސަބަބުން ގިނަ ފަންނާނުން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި އެފަރާތްތަކަށް އިންޑަސްޓްރީން ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445ގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ތައްޔާރުކުރި "މަނާލް" އެވެ.


މި ޑްރާމާއަށް ޖުމްލަ 8 އެވޯޑެއް ލިބިފައިވާއިރު، އޭގެ ތެރޭގައި އެންމެ މޮޅު އަންހެން އެކްޓަރ، އެންމެ މޮޅު އަންހެން ސަޕޯޓިންގ އެކްޓަރ، އެންމެ މޮޅު ޑިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ ހިމެނެއެވެ. އަދި އެންމެ މޮޅު ސިނަމެޓޮގްރާފަރ، އެންމެ މޮޅު އެޑިޓަރ، އެންމެ މޮޅު ޑްރާމާ އަދި އެންމެ މޮޅު އެކްޓަރ އަންހެން (ވިއުވަރސް ޗޮއިސް) ވެސް ލިބުނީ އެ ޑްރާމާއަށެވެ.


ދެވަނައަށް އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ކަރެކްޝަނަލް ސަރވިސް އިން ތައްޔާރުކުރި "ކުރެހުން" އަށެވެ. އެ ޑްރާމާއަށް ތިން އެވޯޑެއް ވަނީ ލިބިފައެވެ.


އެވޯޑު ލިބުން ފަރާތްތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން އެކްޓަރ ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)، އެންމެ މޮޅު ފިރހެން އެކްޓަރ އަބްދު ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސަރވިސް)، އެންމެމޮޅު އަންހެން ސަޕޯޓިންގ އެކްޓަރ އާއިދާ ހައްމަދު (މަނާލް/ އެމްއެންޔޫ) އަދި އެންމެ މޮޅު ފިރިހެން ސަޕޯޓިންގ އެކްޓަރ މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސަރވިސް) ހިމެނެއެވެ.


މީގެއިތުރުން އެންމެ މޮޅު ޑިރެކްޓަގެ މަގާމު މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ) އަށް ލިބުނުއިރު، އެންމެ މޮޅު ސްކްރީންޕްލޭގެ މަގާމު ހޯދީ މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ) އެވެ. މި ދެފަރާތަކީ ވެސް ރާއްޖޭގެ ފިލްމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކެވެ.


މި މުބާރާތުގެ އެންމެ މޮޅު ސިނަމެޓޮގްރާފަރ އަށް ހޮވުނީ (މަނާލް/ އެމްއެންޔޫ)އެވެ. އަދި އެންމެ މޮޅު އެޑިޓަރއަކަށް މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ) ހޮވުނުއިރު، އެންމެ މޮޅު ޑްރާމާ (ވިއުވަރސް ޗޮއިސް) އަދި ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން) އެވެ.


ހަމަމިއާއެކު އެންމެ މޮޅު އަންހެން އެކްޓަރ (ވިއުވަރސް ޗޮއިސް) ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ) ހޮވުނުއިރު، އެންމެ މޮޅު އެކްޓަރ ފިރިހެން (ވިއުވަރސް ޗޮއިސް) އަކަށް ހޮވުނީ އަބްދު ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސަރވިސް) އެވެ.


ކިޔުންތެރިންގެ ހިޔާލު