3 months ago
އިންޑިއާ އިން ރާއްޖެއަށް ބަޖެޓް ސަޕޯޓުގެ އެހީތެރިކަން ދީފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިއީ މިއަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވަރކޮށްފައެވެ.
މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާއިގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޒަމީރު ވަނީ އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވައި، މިކަމަށް އެދިފައެވެ.
ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
މިއެހީތެރިކަން ލިބިގެން މިދިޔައީ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގައެވެ.
މި އެހީއަކީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާމެދު ޒަމާނުއްސުރެ ދޭ އަހަންމިއްޔަތުކަން އަނެއްކާ ވެސް ދައްކުވައިދޭ ރަމްޒެކެވެ. ދިވެހި ސަރުކާރުން އުންމީދުކުރަނީ، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށެވެ.