އުތުރުގައި ބަންކަރިންގެ ހިދުމަތް ފަށައިފި

1 month ago

އަފްރާހް

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށައިފިއެވެ.


ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގައި އެ އަތޮޅު ތަމްސީލުކުރައްވާ ފަސް މެންބަރުންނެވެ.


މިއަދު ފެށި ބަންކަރިންގެ ހިދުމަތުގެ ދަށުން އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް އެސްޓީއޯއިން ދޭއިރު، ޕައިލަޓޭޖާއި މެރިޓައިމްގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އެމްޕީއެލުންނެވެ.


ބަންކަރިންގެ ހިދުމަތް އެސްޓީއޯ އިން މިއަދު ފެށީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ، ދެ ބޯޓު ބޭނުންކޮށްގެންނެވެ. މިއީ އެސްޓީއޯ އާއި ވިޓޯލް ގުޅިގެން، ބަންކަރިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބަނދެފައިވާ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ދެ ބޯޓެވެ.


މި ދެ ބޯޓު ބަންކަރިން ހިދުމަތް ދޭ ސަރަހައްދަށް ގެންދިޔައީ މި މަހުގެ ކުރީކޮޅުގައެވެ.


ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި 'ވިޓޯލް' އާ އެކު އެސްޓީއޯއިން ސޮއިކުރީ މިދިޔަ މާރޗް މަހުގެ 13 ވަނަ ދުވަހުއެވެ. ބަންކަރިންގެ ހިދުމަތް ފެށި ޗެނަލުން މިހާރު ވެސް މަހަކު 300 އަށް ވުރެ ގިނަ އުޅަނދު ރާއްޖެ ހުރަސްކޮށް ދަތުރުކުރަމުންދާކަމަށް ތަފާސްހިސާބުން ދައްކައެވެ.


އެ އުޅަނދުފަހަރަށް ބޭނުންވާ ބަންކަރިންގެ ހިދުމަތްތައް މިހާތަނަށް ދެމުން ގެންދިޔައީ ސްރީލަންކާ އާއި އިންޑިއާއިންނެވެ.


އިހަވަންދިއްޕޮޅުން ދަތުރުކުރާ އާގުބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް ބަންކަރިން ހިދުމަތުގެ ތެރެއިން އިތުރު ބައެއް ހިދުމަތްތައް ވެސް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ފަޅުވެރިން ބަދަލުކުރުމާއި ޕްރޮވިޝަން އާއި ޝިޕް ސްޓޯރޭޖްއާއި ސްޕެއަރ ޕާޓުތަކާއި މަރާމާތުގެ ހިދުމަތްތަކާއި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ހިދުމަތް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު