މަތިވެރި އާސާރީ މިސްކިތް: 300 އަހަރުވެފައިވާ ތާރީހީ ބިނާއެއް

3 hours ago

ރަމީޒު

އއ. މަތިވެރި އަކީ އަރިއަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ އަރިއަތޮޅު އުތުރުބުރިއަށް ނިސްބަތްވާ ރަށެކެވެ. ބޮޑު ތިލަ ފަޅެއް ލިބިފައިވާ މިރަށުގެ ބޮޑުމިނަކީ 21.39 ހެކްޓަރެވެ. ޒަމާނުއްސުރެ މަސްވެރިކަމުން ނަފާ ހޯދައިގެން ދިރިއުޅުން ވޭތުކުރަމުން އަންނަ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ މިރަށުގެ އާބާދީއަކީ މިހާރު 1040 އެވެ.


މަތިވެރި އަކީ އަރިއަތޮޅުގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެންފެށި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއްކަން މިރަށުގެ ތާރީޚު ދިރާސާކޮށްލުމުން އެނގެއެވެ. މިގޮތުން މަތިވެރީގައިވާ އާސާރީ މިސްކިތުން މަތިވެރީގެ ތާރީޚް ބުނެދެއެވެ. މަތިވެރީގައި މީހުން ދިރިއުޅެން ފެށި ދުވަސްވަރު އަންގައިދެއެވެ. އަދި އިސްލާމީ ހިދާޔަތުގައި ދިވެހިރާއްޖެ ދެމިއޮތްތާ އެތައްސަތޭކަ އަހަރެއް ވެއްޖެކަން ވެސް މި އާސާރީ މިސްކިތް ބުނެދެއެވެ. އެހެންކަމުން މި މިސްކިތުގެ ތާރީޚަށް ބަލައިލަމާ ހިނގާށެވެ.


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރުއްވާފައިވާ ދިވެހިރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ލިސްޓުގައި މި މިސްކިތުގެ މައުލޫމާތު ބަޔާންކޮށްފައިވާއިރު، ތާރީޚީ ލިޔުންތެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީ (1995) އާއި ހަވާލާދީ ލިޔުއްވާފައިވެއެވެ. "އއ. މަތިވެރީގައި އަލްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) މިސްކިތެއް ބިނާކޮށްދެއްވިއެވެ.


އެމިސްކިތް ބިނާކުރުމަށް އެ ރަދުން ފޮނުއްވީ ލ. ކައްދޫ ޢަލީ ކިލެގެ ގެ ޙާޖީ ޙަސަންއާއި އެކިލެގެއާއި އެއްބަފައި މުޙައްމަދު އަބޫބަކުރު ކަމަށެވެ. އަދި މި މިސްކިތް ކަމަށް ބުނާ، ވެލިގަލުން (އާނު ގަލުން) އިމާރާތްކޮށްފައިވާ ކުޑަ މިސްކިތެއް މަތިވެރިގައި އަދިވެސް އެބަހުރިކަމަށް" އެލިޔުމުގައިވެއެވެ.


މިއަހަރުގެ ޖުމާދަލްއާރިޚާ މަހުގެ 15 ވަނަ ދުވަހަށް 300 އަހަރު ފުރޭ މި މިސްކިތް އިމާރާތް ކުރެވުނުކަމަށް، މި މިސްކިތުގައި ހަރުކޮށްފައިވާ ލޯ ފޮތީގައިވަނީ "ވަ ހާޛާ ތާރީޚު މިން ހިޖުރަތު ނަބީ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ނަބީ ކަލޭގެފާނު ހިޖުރައިން ހާހާއި އެއްސަތޭކަ ސާޅީސް ހަވަނަ އަހަރު ޖުމާދަލް އާޚިރާމަހުގެ ފަނަރަ ވީ ހުކުރު ދުވަހު އަލިތަކުރުފާނުގެ ފުތް އުމަރު އުމަރުކަލޭގެފާނު މިސްކިތް އެޅުއްވިކަމަށް" މިހެންނެވެ.


މިލިޔުންކޮޅުގައިވާ ގޮތުން 1146 ވަނަ އަހަރު ޖުމާދަލް އާޚިރާ މަހުގެ 15 ދުވަހު ބިނާ ކުރެއްވިކަމަށް ހެކި ލިބޭ މި މިސްކިތް މިހާރުވަނީ ކުރިން ހުރި ގޮތަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެސް މިސްކިތުގެ ފެންޑާ ބައި އިތުރުކޮށް އެތަނުގައިވެސް ނަމާދު ކުރެވޭނެހެން ހަދާފައެވެ. މި މިސްކިތުގެ އަސްލު މުސްކުޅި ބައިގައި އިމާމާއެކު ނަމާދު ކުރެވޭނީ ގިނަވެގެން 5 މީހުންނަށެވެ. އަދި ފެންޑާ ބަޔާއެކު މިމިސްކިތުގައި 18 ވަރަކަށް މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ.


މި މިސްކިތާ އެކު ރަށުގެ މީހުން ވަޅުލާ ސަހަރާ، އިންވަކިކޮށް ފާރު ރާނާފައިވެއެވެ. އަދި ސަހަރާގެ ބޭރުން ވެސް މީހުން ވަޅުލައިފައިވާކަން ދޭހަ ކޮށްދޭ މަހާނަ ގައުތައް ފެންނާން އެބަހުއްޓެވެ. މި މަހާނަ ގައުތަކުގައިވާ ތާރީޚުތައް ދިރާސާކޮށްލުމުން މިމިސްކިތަކީ ވަރަށް ގިނަ ދުވަސް ވެފައިވާ މިސްކިތެއްކަން އަންގައިދެއެވެ. 


ކިޔުންތެރިންގެ ހިޔާލު