ފާތުން އަށް އަދިވެސް ގައިޑް ރަނަރ އެއް ނުލިބޭ

1 month ago

އަފްރާހް

ރާއްޖޭގެ ގައުމީ ޕަރާ އެތްލީޓު ފާތިމަތު އިބްރާހިމް (ފާތުން) އަށް އަދިވެސް ގައިޑް ރަނަރ އެއް ނުލިބޭކަމަށް އޭނާ ބުނެފިއެވެ.


'އޮއިވަރު' އަށް މައުލޫމާތު ހިއްސާކުރައްވަމުން ފާތުން ވިދާޅުވީ މި މަހުގެ 21 ވާ ހޮނިހިރު ދުވަހު ފަރިތަކުރުންތަކުގައި ބައިވެރިވާން ނިންމާފައިވީނަމަވެސް މިހައިތަނަށް ގައިޑްރަނަރ އެއް ނުލިބޭ ކަމަށެވެ.


ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގެ ޕެރަ ގޭމްސް އަށް ފަހު، މިވަގުތު އޭނާހުރީ އަރާމު ކުރުމުގައެވެ.


އޭނާ އަށް ގައިޑްރަނަރ އެއް ހޯދުމަށް އޭނާގެ އަމިއްލަ ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއްގައި ވަނީ ކުރިއަށް ހުރި މުބާރާތްތަކުގައި ދުވުމަށް އޭނާ އަށް އަންހެން ގައިޑްރަނަރ އެއް ބޭނުންވާ ކަމަށެވެ. އަދި ގައިޑް ރަނަރ އަށް ވެސް ނެޝަނަލް އެތްލީޓުންނަށް ލިބޭ އެލަވަންސާއި އިނާޔަތްތައް ލިބޭނެކަމަށެވެ.


މިކަމަށް ޝައުގުވެރިވާ ފަރާތްތަކުންނާއި މިކަމުގައި އެއްވެސް ސުވާލެއް އޮތް ނަމަ، ފާތުންގެ އެފްބީ އަށް މެސެޖު ކުރުމަށް ވެސް ވަނީ އެދިފައެވެ.


'އޮއިވަރު' އިން ފާތުންނަށް ގުޅުމުން ވިދާޅުވެފައިވަނީ ގައިޑް ރަނަރ އަކީ ވަރަށް ކޮމިޓެޑް މީހަކަށް ވާންވާނެ ކަމަށެވެ. އަދި ބަރާބަރަށް ތަމްރީނުތަކުގައި ބައިވެރިވާންވާނެ ކަމަށެވެ.


މީގެއިތުރުން ކޮމިއުނިކޭޝަންއަކީ ވަރަށް މުހިންމު އެއްޗެއްކަން ފާހަގަކޮށް ފާތުން ވިދާޅުވީ މުބާރާތަކަށް ދަނީ ލޮލަށް ނުފެންނަކުދިންގެ ލޮލަށް ވެގެންކަން ގައިޑްރަނަރ އަބަދު ވެސް ހަނދާން ކުރަންވާނެކަމަށެވެ.


"ގައިޑް ރަނަރ އެއް ނަގާއިރު، އަޅުގަނޑާ އެއްއިސްކޮޅެއްގެ މީހަކު ވަރަށް މުހިންމު. އެކަމަކު މުބާރާތާއި ހަމައަށްދާއިރު، އެފަދަ މީހަކު ނުލިބިއްޖިއްޔާ ދެން ޖެހޭނީ ހުރިމީހަކާ އެކީ ދުއްވައިގަންނަން." ފާތުން ވިދާޅުވިއެވެ.


ފްރާންސްގެ ވެރިރަށް ޕެރިހުގައި މިއަހަރު ބޭއްވި އޮލިމްޕިކްސްގެ ޕެރަ ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ދެ އެތްލީޓުންގެ ތެރޭގައި ވެސް ފާތުން ވަނީ ހިމެނިފައެވެ. އޭނާ ވަނީ އެ މުބާރާތުގައި އަންހެނުންގެ 100 މީޓަރު ދުވުން 17:10 ސިކުންތުން ނިންމައި، ޕެރަ އިވެންޓުގެ ގައުމީ ރިކޯޑެއް ހަދާފައެވެ.


މީގެއިތުރުން ޖަޕާނުގައި 2021 ގައި ބޭއްވި ޕެރަލިމްޕިކްސްގައި ވެސް ފާތުން ރާއްޖެ ތަމްސީލުކޮށްފައިވާއިރު، އެއީ ރާއްޖޭގެ އެތުލީޓަކު އެންމެ ފުރަތަމަ ވާދަކުރި ޕެރަލިމްޕިކްސްއެވެ.


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބްރޯންޒް މެޑަލް ހާސިލުކޮށް، ރާއްޖެއަށް ރީތިނަން ހޯދައިދީފައިވާ ފާތުންގެ މިހާރުގެ އުއްމީދަކީ ދެން އޮންނަ އައިއޯއައިޖީ ގައި ސިލްވަރ ނުވަރަ ރަން މެޑަލް ހޯދުމެވެ.


ކިޔުންތެރިންގެ ހިޔާލު