3 months ago
ރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024– 2029" އިފްތިތާހުކޮށްފިއެވެ.
ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 -– 2029 އިފްތިތާޙުކޮށްދެއްވީ އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.
މި ރަސްމިއްޔާތަށް ސަރުކާރުގެ ބައެއް ވަޒީރުންނާއި ޔުޓިލިޓީތަކުގެ އިސްވެރީން ބައިވެރިވެޑައިގެންނެވިއެވެ.
ހަކަތައިގެ ސިޔާސަތާއި އިސްތިރާޖީ އަމާޒު ހިފާފައިވަނީ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކޮޕް-28 ގެ ވައުދުފުޅާ އެއްގޮތަށް އިމްޕޯޓު ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު އިތުރުކުރުމަށެވެ.
ހަކަތައިގެ އިސްތިރާޖީތައް ބިނާކޮށްފައިވަނީ މައިގަނޑު ފަސް ސިޔާސަތެއްގެ މައްޗަށެވެ.
އިރުގެ އަތްވާއި އަލީގެ ޓެކްނޯލޮޖީއާއި ވަޔާއި ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދާ އަޖުމަބަލައި ތަރައްގީކުރުމަކީ ވެސް ހަކަތައިގެ ސިޔާސަތުގެ ވަރަށް ބޮޑު އަމާޒެކެވެ. އަދި ހަކަތައިގެ ދާއިރާއަށް އަންނަމުންދާ އައު ޓެކްނޮލޯޖީ ރާއްޖެއަށް ތައާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުމަކީ ވެސް ހަކަތައިގެ ސިޔާސަތުގައި އިސްކަމެއް ދީފައިވާ ކަމެކެވެ.
މީގެއިތުރުން ހަކަތަ ސަމަކާރަކުރުމަށާއި އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ އިތުރުކަންކަން ތައާރަފުކޮށް ރައްޔިތުން އެކަމަށް އަހުލުވެރި ކުރުން ވެސް ހިމަނާފައިވާއިރު، ހަކަތައިގެ ދާއިރާ ވަރަށް ޝާމިލު ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތެރެއަށް އިއާދަކުރަނިވި ހަކަތަ ތައާރަފުކުރުމަކީ ވެސް މި ސިޔާސަތުގައި ހާއްސަކަމެއް ދީފައިވާ ކަމެކެވެ.
ހަމަމއާއެކު ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހަރުދަނާކުރުމަކީ ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމެކެވެ.