އަންނަ އަހަރުން ފެށިގެން ޔޫކޭއަށް ދެވޭނީ ހާއްސަ ހުއްދައެއް ނަގައިގެން

1 month ago

އަފްރާހް

އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަން ގަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ އެގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކުރުމެވެ. އަދި އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އެގައުމަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އެފަރާތުން މައުލޫމާތު ދެއްވާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


މި ބަދަލާ ގުޅިގެން މިއަހަރުގެ 27 ނޮވެމްބަރ އިން ފެށިގެން ރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެއެވެ. އަދި 8 ޖެނުއަރީ 2025 އިން ފެށިގެން އެގައުމަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގައެވެ.


އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި އީޓީއޭގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށް ވިދާޅުވެއެވެ. އަދި ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން ހަ މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ.


މީގެއިތުރުން 2 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުން ވެސް އެގައުމަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށް ވެސް ވިދާޅުވެއެވެ.


އެހެންވެ، އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންފުޅުވާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަން ދެއްވާ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވައިދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު