ރާއްޖޭގެ ޕޯޓުތައް މި ސަރުކާރުން ވިއްކާލަން އުޅޭކަމުގެ ތުހުމަތު ރައީސް ޔާމީން ކުރައްވައިފި

1 month ago

އަފްރާހް

ރާއްޖޭގެ ޕޯޓުތައް މި ސަރުކާރުން ވިއްކާލަން އުޅޭކަމުގެ ތުހުމަތު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކުރައްވައިފިއެވެ.


އެމަނިކުފާނު މި ތުހުމަތުތައް ކުރައްވާފައިވަނީ ސެޕްޓެމްބަރ 19 ވީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައެވެ.


އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ތަރައްގީކުރުމުގެ ނަމުގައި މި ސަރުކާރުން 'ކަޓު' ނަގައިގެން ޕޯޓުތައް ވިއްކާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ބަންކަރިންގެ ޚިދުމަތުން ލިބޭ ފައިސާ ލިބެނީ ތެލުގެ އޯނަރު ކުންފުންޏަށް ކަމަށް ވެސް ވިދާޅުވިއެވެ.


އެހެންކަމުން އެ ފައިދާ ލިބެނީ ބަންކަރިންއިން ފޯރުކޮށްދޭ ތެލުގެ އޯނަރު ކުންފުނި، ވިޓޯލް އަށް ކަމަށާއި އެއިން ރާއްޖެއަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


"އެކަމަކީ ވެސް ރާއްޖެއަށް އެއްވެސް ފައިދާއެއް ވާނެ ކަމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.


މީގެއިތުރުން ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ ރައީސް މުއިއްޒުގެ މައްސަލަ އެމްޑީޕީ ސަރުކާރުން ވެސް އެއްވެސް ވަރަކަށް ބަލާފައި ނުވާކަން ފާހަގަކުރައްވައި ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމެއްގައި އަމުދުން އެ މައްސަލަ ނުބަލާނެ ކަމަށެވެ.


އޭގެ ބަދަލުގައި އެމަނިކުފާނުގެ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި އެފަދަ ކިތަންމެ ކަމެއް މި ސަރުކާރުން ކުރާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


ހަމަމިއާއެކު ރައީސް ޔާމީން ވަނީ ފާއިތުވި 10 މަސްދުވަހުގެ ތެރޭ ކޮރަޕްޝަންގެ ޢަމަލުތައް ވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

އަސްލޭ

މި ޔާމީނު ގެ ސަބަބުން ދިވެހި ރަތްޔިތުން ފިތުނަވެރި ކަން އިތުރު ވުން ނޫން ކަމެއް ނުވޭ ރާއްޖޭގެ ވެރިކަމަށް ހުރި ބޮޑު ނުރައްކަލެއް ޔާމީނު އަކީ މިކަހަލަ މުޖުރިމުން ޖަލުގަ ބައިތިއްބާގެން ނޫނީ ގައުމު ހަމަމަގައް އަޅުވަން ދަތިވާނެ ކަމަށް ފެނޭ

1 month ago