ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ ފަށައިފި

1 month ago

އަފްރާހް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ ފަށައިފިއެވެ.


އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި މަހާސިންތާ ބާއްވާނެކަން އިއުލާން ކުރެއްވީ ސެޕްޓެމްބަރ 18 ވީ ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.


އިމާމުން ބިނާކުރުމަށާއި ތަމްރީން ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާކަން ހާމަކުރައްވައި މިނިސްޓަރ ވަނީ މި މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމައަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމައުގައި އިމާމުން ދައުރާއި އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ އިމާމުން ތަމްރީންކުރެވޭނެ ކަމަށެވެ.


ޑރ. ޝަހީމް ވިދާޅުވީ އިސްލާމް ދީނުގައި މިސްކިތްތަކަކީ ދީނީ އުންމަތެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް ކަމަށާއި މިކަންކަން އިމާމުންނަށް އެނގެންޖެހޭ ކަމަށެވެ. އަދި މިކަމާ ބެހޭގޮތުން މަހާސިންތާގައި މައުލޫމާތު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މި މަހާސިންތާގައި އޮންލައިންކޮށް އަދި ހާޟިރުވެގެން 388 އިމާމުން ބައިވެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު