މިފްކޯއާއި އެފްއެސްއެމް އިން ކްރެޑިޓަށް ތެޔޮ ނުލިބޭ: ތިނަދޫ ސިޓީ މަސްވެރިން

1 month ago

އަފްރާހް

މިފްކޯއިންނާއި އެފްއެސްއެމް އިން ކްރެޑިޓަށް ތެޔޮ ނުލިބޭކަން ތިނަދޫ ސިޓީގެ މަސްވެރިން ފާހަގަކޮށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމްގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ.


އެ ސިޓީގެ މަސްވެރިން މިކަން ފާހަގަކުރީ ތިނަދޫ ސިޓީއަށް މިނިސްޓަރ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށު މަސްވެރިނަށް ބޭއްވި ބައްދަލުވުމުގައެވެ.


މި ބައްދަލުކުރެއްވުމުގައި މަސްވެރިން ވަނީ މަސްބިލަށް ވަގުތުން ފައިސާ ނުލިބޭތީ މަސްވެރިންނަށް ފައިސާދީފައި ތެޔޮއެޅުމަކީ ވަރަށް ބޮޑު ތަކުލީފެއްކަން ވެސް ފާހަގަކޮށްފައެވެ. އަދި ތިނަދޫގެ މަސްވެރިން އެދިފައިވަނީ މަސްވެރިންނަށް ދިމާވެފައިވާ ތެލުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށެވެ.


އެހެންކަމުން މިނިސްޓްރީން މަސައްކަތްކޮށްގެން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް މަސްވެރިން ވަނީ މިނިސްޓަރުގެ ކިބައިން އެދިފައެވެ. އަދި ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅައިދިނުމާއި ފަރުމަސްވެރިކަން ތަރައްގީކުރުމަށް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.


މިނިސްޓަރ ވިދާޅުވީ ތެލުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި ފެށޭ ހަފްތާގައި ވެސް ކަމާއިގުޅުންހުރި ފަރާތްތަކާއެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އެ ސިޓީގެ މަސްވެރިން އެދުނު ގޮތަށް މިފްކޯއާ ވާހަކަދައްކައިގެން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެވެން އޮތް އެހީތެރިކަން ބައްލަވައި، މިނިސްޓްރީން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.


މީގެއިތުރުން ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 2025 ވަނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށާއި އެކަމަށްޓަކައި މިނިސްޓްރީން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.


މި ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ވަނީ ސަރުކާރުން ހުޅުވާލާ އާރްއެސްޑަބްލިއު ސިސްޓަމާއި ގުޅޭގޮތުންނާއި މަސްވެރިންގެ ދަފުތަރާ ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު