ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސްއާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭ: ރައީސް

1 month ago

އަފްރާހް

ކްލައިމެޓް ފައިނޭންސާއި ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.


އެމަނިކުފަނު މިފަދައިން ގޮވައިލެއްވީ "ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ވާހަކަދައްކަވަމުންނެވެ.


ރައީސްގެ ވާހަކަފުޅުގައި ސިޑްސްގެ ނާޒުކުކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށް ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސްއާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭކަމަށް ވަކާލާތުކުރައްވައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީ.އެސް.އެސް.އެސް) ގެ ތެރެއިން ދަރަނި ދެއްކުމަށް އެކަށޭނަ، ފަހިގޮތްތަކެއް ހޯދުމަށް ގޮވާލެއްވިއެވެ.


މީގެތެރޭގައި އިންޓްރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.


ސިޑްސްގެ ގައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް އަލުން އެކަށައެޅުމަށް ވެސް ރައީސް ވަނީ ހުށައަޅުއްވާފައެވެ.


މިގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިގްތިސާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ.


ރައީސް ވަނީ ސިޑްސްގެ ގައުމުތަކުގެ ތަރައްގީގެ ކަންކަން އަމިއްލަ އިސްނެގުމާއެކު ކުރިޔަށްގެންގޮސް އުފެއްދުންތެރިކަން އިތުރުކޮށް، ހަރުދަނާ މުއައްސަސާތައް ބިނާކޮށް، މުޖުތަމައުތައް ބާރުވެރިކޮށް، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތައް (ސިޑްސް) އިން ބައިނަލްއަގްވާމީ އިގްތިސާދީ ހަލަބޮލިކަމުގެ ތެރޭގައި އެގައުމުތަކުގެ އިގްތިސާދުތައް ސިންދަފާތުކޮށް ކުރިއަށް ދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި އެ ގައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މާލީގޮތުން ބޭނުންވާ ކަންކަން ހަމަޖެހިގެންދިއުމާއި އަދި ސިޑްސްއަށް ހަމައެކަނި ސަލާމަތުން ކުރިޔަށްދެވޭނެ މިންވަރުގެ ބަދަލުގައި އެގައުތަކަށް ފާގަތިކަން ގެނެސްދިނުމުގައި ޑީއެސްއެސްއެސް އަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމުގެ އުންމީދު އެ މަނިކުފާނު އައު ކުރެއްވިއެވެ.


މިއީ ރައީސް ޑރ. މުއިއްޒުގެ މިދަތުރުފުޅުގައި ނިއުޔޯކަށް ވަޑައިގެން، އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ރަސްމީ އިވެންޓެވެ.


މި ސައިޑް އިވެންޓް ކޯ-ޗެއަރ ކުރަނީ ރާއްޖެ، އެންޓީގާ އެންޑް ބާބިޔުޑާ، ނިއުޒިލޭންޑް އާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް (އައި.އައި.އީ.ޑީ) އަދި ޔުނައިޓެޑް ނޭޝަންސް ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒް (ޔޫ.އެން. ޑީ.އީ.އެސް.އޭ) ގެ ސިޑްސްގެ ޔުނިޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު