އިސްލާމީ މަރުކަޒުތައް ހުންނަ ސަރަހައްދުތަކަށް މިނިސްޓްރީގެ މަންދޫބުން ހަމަޖައްސަނީ

1 month ago

އަފްރާހް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކަށް ދެ އިމާމުން ހަމަޖައްސައި، އޭގެ ތެރެއިން އިމާމަކު ބަންގި ދިނުމަށް ހާއްސަކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


އިމާމުންގެ މަހާސިންތާ ނިންމެވުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ އިރު، އިސްލާމީ މަރުކަޒުގެ މައި އިމާމަކީ ޑިގްރީ ފެންވަރުގެ އިމާމެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އިސްލާމީ މަރުކަޒުތައް ހުންނަ ސަރަހައްދުތަކަށް އިސްލާމިކް މިނިސްޓްރީގެ މަންދޫބުން ހަމަޖައްސަވާނެކަމަށް ވެސް ވިދާޅުވިއެވެ.


ރާއްޖޭގެ އިމާމުންނަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އިމާމުންގެ ކަންކަމުގައި ސިޔާސަތު ކަނޑައެޅުމަށް މަޝްވަރާ ހޯއްދަވާނެކަމަށް ވެސް ވިދާޅުވެފައެވެ. އަދި އިމާމުންގެ ފަރާތުން ފާހަގަކުރެވުނު މައިގަނޑުން ކަންކަމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


އެއްދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އޮންލައިންކޮށް 400 އަށްވުރެ ގިނަ އިމާމުން ބައިވެރިވެފައިވެއެވެ. އަދި ހާޟިރުވެގެން 220 އިމާމުންނާއެކު ޖުމްލަ 620 އިމާމުން މުޅިއެކު ރާއްޖެއިން ބައިވެރިވިކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު