ގައުމުގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ އިހްތިރާމު ލިބިގެން: ރައީސް

1 month ago

އަފްރާހް

ގައުމުގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އިހްތިރާމު ލިބިފައިވާ ގައުމަކަށްވެގެންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުތާ 59 އަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖުގައެވެ.


ރައީސްގެ ވީޑިއޯ މެސެޖުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި އިހްތިރާމު ކުރާ، އިހްތިރާމު ލިބޭ، ގައުމަކަށް ރާއްޖެ ހެދުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައިވެއެވެ.


މިމެސެޖުގައި ވަނީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަސައްވަރު ހާމަކުރެއްވުމަށްކަމުގައި ވެސް ވިދާޅުވެފައެވެ.


"އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަން ދޭނެކަމަކީ ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަޞައްވަރު ހާމަކުރުން. ދިވެހިންގެ އަޑު، ދިވެހިންގެ ވިންދުގެ އަޑު، ދިވެހިންގެ އިޙުސާސްތައް އިއްވުމަށް" އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސްގެ މެސެޖުގައި އދ. ގައި ރާއްޖެ އަދާކޮށްފައިވާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، ކުރިއަށް އޮތްތަނުގައި ވެސް އިތުރު މުހިންމު މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއެކު އަދާކުރަމުން ގައުމު ކުރިއަށްގެންދަން ބޭނުންފުޅުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


އެމަނިކުފާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި އަދި ހިންގެވުމުގައި އަބަދު ވެސް އެންމެ އިސްކަން ދެއްވާނީ ދިވެހިރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށްކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. މި މެސެޖުގައި ވެސް އެ ޔަގީންކަން އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު