3 months ago
ތަޖުރިބާގެ ބޭނުން އެންމެ މަތީދަރަޖައިގައި ބޭނުން ކުރައްވާނެކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވުޒާރާގެ އައު ޕަރމަނެންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާ ވިދާލުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް މިއަދު ހެނދުނު އެ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުނާ ވިދާޅުވީ ތަޖުރިބާ ލިބިލައްވައިފައިވާ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ސަރުކާރުން ވުޒާރާއާ މަތިކޮށްފައިވާ ޒިންމާތައް ވަޒީރު ބޭނުންފުޅުވެލައްވާ ގޮތަށް ހާސިލްކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން ލިބިލައްވާފައިވާ ތަޖުރިބާގެ އަލީގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާއާއި، މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވެސް މުނާ ވަނީ ވިދާޅުވެފައެވެ.
މުނާ މީގެކުރީން ހުންނެވީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެެވެ. އެކަމަނާ ވަނީ 30 އޮކްޓޯބަރ 2017 އިން 21 ސެޕްޓެމްބަރ 2024 އަށް އެމްއެމްސީގެ ޑީޖީގެ މަގާމު ފުރުއްވައި، އެތަނާއި މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައެވެ.