ލަންކާގެ ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރައްވާނެކަމަށް ބެލެވެން ފަށައިފި

1 month ago

ސާއި

އަވަށްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބު ޑިސަނަޔަކެ ކާމިޔާބު ކުރައްވާނެކަމަށް ބެލެވެން ފަށައިފިއެވެ.


ސެޕްޓެމްބަރ 21 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގެ ވޯޓުގުނުން ކުރިއަށްދާއިރު، މިހާތަނަށް ގުނި ވޯޓުތަކުގެ ނަތީޖާ އަށް ބަލާއިރު، އިންތިހާބު ކާމިޔާބުކުރައްވާނީ އަނޫރާ ކުމާރު ޑިސަނަޔަކެ ކަމަށް ވަނީ ބެލެވިފައެވެ.


ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް އޭނާއަށް 52 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، ރަނިލްއަށް ލިބިވަޑައިގެންނެވީ 16.4 އިންސައްތައެވެ. އަދި ސަޖިތަށް 23.86 އިންސައްތަ، ނަމާލްއަށް 2.94 އިންސައްތަ ވަނީ ލިބިވަޑައިގެންފައެވެ.


ޑިސަނަޔަކެ ހޯއްދަވަމުންދާ ނަތީޖާއަށް ލަންކާ ސަރުކާރުގެ ބައެއް ވަޒީރުން މަރުހަބާ ދަންނަވައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ، މީސްމީޑިއާގައި ދަނީ ޝުއޫރު ފާޅުކުރައްވަމުންނެވެ.


އެގައުމުގައި މިހާތަނަށް މާބޮޑު މަގްބޫލުކަމެއް ހޮދާފައިނުވާ ސިޔާސީ ލީޑަރު އަނޫރާ ކުމާރު ޑިސަނަޔަކެ އަކީ ގާނޫންހަދާ މަޖިލީހުގެ މެމްބަރެކެވެ. އަދި އޭނާއާ އެކު މަޖިލީހުގައި އޭނާގެ ޕާޓީ، ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ތަމްސީލްކުރަައްވަނީ ތިން މެމްބަރުންނެވެ.


އިންތިހާބަށް ކެމްޕެއިން ކުރެއްވިއިރު، ލަންކާ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ކޮރަޕްޝަން ނައްތާލައްވައި، ބާޒާރުގެ އަގުތަށް ތިރިކުރެއްވުމަށް މިގެކުރީގެ ސަރުކާރުތަކުން ޢަމަލުނުކުރާ ފޮމިއުލާތައް ބޭނުންކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ދަނޑުވެރިންގެ އުފެއްދުންތަކަށް ވެސް ރަނގަޅު އަގެއް ހޯއްދަވައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު