ޕީޖީ އޮފީހާއި ފުލުހުންގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

1 month ago

އަފްރާހް

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.


ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ.


މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.


ޕީޖީ ޢައްބާސް ވަނީ ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މައްސަލަތަކުގެ ތަހްގީގު ނިމުމަށްފަހު، ދަޢުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާކަމަށް ވެސް ވިދާޅުވިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. އެގޮތުން ޕީޖީ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަހްގީގުކޮށް ހުށަހަޅުއްވާ މައްސަލައެވެ.


ކިޔުންތެރިންގެ ހިޔާލު