މަސްދޯނިފަހަރުގައި އާރްއެސްޑަބްލިޔު ހަރުކުރުމަށް ދޫކުރާ ލޯނަށް އަލުން ހުޅުވާލައިފި

1 month ago

އަފްރާހް

މަސްދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިޔު) ގާއިމުކުރުމުގެ މަޝްރޫއު އަލުން މުރާޖައާކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.


ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.


މީގެއިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެންނެވެ.


ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ފައިބެއަހަރު އިފްތިތާހު ކުރި މި ލޯނު މަޝްރޫއު އަލުން ހުޅުވާލީ މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް ލޯނުގެ ބޭނުން ކުރެވޭނެ ގިނަކަންކަން ހިމަނައިގެން ކަމަށެވެ. އަދި ލޯނު ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއްދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


އެގޮތުން ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރޫއުގެ ދަށުން ދޫކުރާ ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުގެ 35 ޕަސަންޓު ޑިސްކައުންޓްކުރުން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


އެ ލޯނުގެ ދަށުން އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމާއި ޖެނެރޭޓަރު ސެޓް ގަތުމާއި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށްވެސް ހަރަދު ކުރެވޭނެއެވެ.


ފިޝަރީޒް މިނިސްޓްރީން އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ދަށުން 700،000 އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށެވެ. ރަހުނަކާ ނުލައި ދޫކުރާ އެ ލޯނު އަނބުރާ ދެއްކުމަށް ދިހަ އަހަރު ލިބޭއިރު، ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެއެވެ.


އެ ލޯނަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 30 ގެ ނިޔަލަށް އޮންނާނެއެވެ.


އެ ލޯނަށް އެދި ހުށަހަޅާނީ، އެސް.ޑީ.އެފް.ސީގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށެވެ.


ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އަމިއްލައަށް ނުވަތަ އެސްޑީއެފްސީގައި ރަޖިސްޓަރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އެ ފެސިލިޓީއަށް އެދެވޭނެ ކަމަށާއި އެ ފެސިލީޓީއަށް އެދެވޭނީ، މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މަހަށްދުއްވާ 50 ފޫޓު ހަމަވާ ދޯނިތަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު