2 months ago
ކުލަބު މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި 18/30 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުގެ އަންހެން ފުޓްސަލް ޓީމު ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދީ ސެޕްޓެންބަރު 22 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި އެމްޕީއެލް އާ ވާދަކޮށް 8-3 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްގެންނެވެ.
މިމެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ޖަހައިދިނީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދި ރާނިޔާ އިބްރާހިމް އާއި ދެ ލަނޑު ޖެހި މަރިޔަމް ރިފާގެ އިތުރުން އައިޝަތު ރަވީނާ އާއި ނީޝާ ސަމީރުއެވެ. އެމްޕީއެލްގެ ތިން ލަނޑު އެޓީމަށް ޖަހައިދިނީ ދެ ލަނޑު ޖެހި އައިމިނަތު ޝާމިލާގެ އިތުރުން ފާތިމަތު ޖޫޒަން ޒަރީރުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ރާނިޔާ އިބްރާހިމްއެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޕޮލިސް ކުލަބުގެ ފާތިމަތު ތީބާ އާއި މަރިޔަމް ރިފާ އާއި ޕޮލިސް ކުލަބު ކީޕަރު އަދި ކެޕްޓަން އައިމިނަތު ލީޒާގެ އިތުރުން ފާތިމަތު ސާއިނާ އާއި އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިޔާ މިރްޒޮއެވާ ކަރިނާ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ޕޮލިސް ކުލަބުގެ މަރިޔަމް ރިފާއެވެ. ރިފާ ވަނީ މި މުބާރާތުގައި ޖުމްލަ 17 ލަނޑު ޖަހާފައެވެ.
މިއީ ޕޮލިސް ކުލަބުން 18/30 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން ގިނަ އަހަރުތަކެއްގެ ފައިނަލުގައި ޕޮލިސް ކުލަބުން ވާދަކޮށްފައިވެއެވެ.