ރޮބޯމޭން ދަ މޫވީ ސިނަމާ އަށް ފައްކާކޮށްފި

4 weeks ago

އަފްރާހް

އޯކޭޒް އިންކް އިން އުފައްދާފައިވާ ފިލްމު މިހާރުވަނީ ސިނަމާކުރުމަށް ތައްޔާރުވެފައެވެ.


ހިޔާލީ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ހުރިހާ އުމުރުފުރައެއްގެ މީހުން ޝައުގުވެރިވާނެ ގޮތަކަށް އުފައްދާފައިވާ ފިލްމެކެވެ. އާއިލާގެ މެމްބަރުންނާއެކު ބަލައިލެވޭގޮތަށް ފަރުމާކޮށްފައިވާ މި ފިލްމަކީ އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިގެން އުފެއްދި ފިލްމެކެވެ.


ކުޅަދާނަ ސްކްރީން ރައިޓަރ މަހުދީ އަހުމަދުގެ ކްރިއޭޓިވް ސްކްރީންޕްލޭގެ މައްޗަށް އުފައްދާފައިވާ ރޮބޯމޭންގެ ލޯބިވާ ކެރެކްޓަރ އަށް ދިރުމެއް ގެނެސްދޭނީ ފޯރިގަދަ ފިކްޝަނަލް އެޑްވެންޗަރ އަކުންނެވެ.


ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އުމުރުން 8 އަހަރުގެ އަމީލިއާ ނަސްރުﷲ ޝަކީބު އަދި ދިހަ އަހަރުގެ މިޝާ އިސްމާއިލް ނިޔާޒުއެވެ. މިހައިތަނަށް އާންމުވެފައިވާ ޓްރެއިލަރތަކުން ތުއްތުތުއްތު ދެ ފަންނާނުންގެ ހުނަރު ވަރަށް ފުރިހަމައަށް ވަނީ ދައްކުވައިދީފައިކަން ހާމަވެއެވެ.


މި ޓްރެއިލަރ އިން އެންމެންގެ ޝައުގުވެރިކަން އެންމެބޮޑަށް ދަމައިގަތީ 2040 ވަނަ އަހަރު މާލެ އާއި ބްރިޖް އޮންނާނެ ގޮތުގެ މަންޒަރު ދައްކާލި މަންޒަރުންނެވެ.


އިބްރާހިމް ވިސާމް (ކަނޑި) އާއި މުހައްމަދު މުންތަސީރު (މުންކޮ) ގެ ޑައިނަމިކް ޑޫއޯ އިން ޑައިރެކްޓް ކުރާ އެ ފިލްމަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެންދާނެ ފިލުމަކަށް ވާނެކަން މިހައިތަނަށް ފެނުނު ކުދި މަންޒަރުތަކުން ބެލެވެއެވެ.


މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް މި ފިލްމު އޯކޭޒް އިންކް އިން އިއުލާނުކޮށް، ޖޫން މަހު ވަނީ އޮޑިޝަން ބާއްވާފައެވެ. މި އޮޑިޝަންގައި 100 އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.


ރޮބޯމޭން ދަ މޫވީ ޕްރިމިއަރ ކުރާނީ މި މަހު 26 ގައި އޮލިމްޕަހުގެ ސިލްވަރ ސްކްރީންގައެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެދުވަހަކު ވެސް މި ފިލްމުގެ ދެ ޝޯވ ދެއްކުމަށް ވަނީ ނިންމާފައެވެ. އެއީ މެންދުރުފަހު 2 ޖަހާއިރު އާއި ހަވީރު 4 ޖަހާއިރުއެވެ. އެ ޝޯވތަކަށް ޓިކެޓް ވިއްކަން ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު