ރޮބޯމޭން ދަ މޫވީ ޕްރިމިއަރކުރުން މާދަމާ

3 weeks ago

އަފްރާހް

ރޮބޯމޭން ދަ މޫވީ ޕްރިމިއަރކުރުން މާދަމާ ޕްރިމިއަރ ކުރާނެއެވެ.


އޯކޭޒް އިންކް އިން އުފައްދާފައިވާ ފިލްމު ޕްރިމިއަރ ކުރުމަށް ނިންމާފައިވަނީ މާދަމާ މެންދުރު، އޮލިމްޕަސް ސިނަމާގައެވެ.


އެހެން ފިލްމުތަކާއި ޚިލާފަށް 'ރޮބޯމޭން ދަ މޫވީ' ދުވާލު ޕްރިމިއަރ ކުރުމަށް ނިންމާފައިވަނީ ކީއްވެގެންކަން 'އޮއިވަރު' އަށް ކިޔައިދެއްވީ އޯކޭޒް އިންކް ގެ އެއްބާނީ އަދި ޕްރޮޑިއުސަރ އަހްމަދު ސާޖީއެވެ.


އޭނާ ވިދާޅުވީ މި ފިލްމަކީ ފެމިލީ ފިލްމެއް ކަމަށާއި ޕްރިމިއަރ ކުރާ ވަގުތު ވެސް ތަފާތުކުރީ އެހެންވެގެން ކަމަށެވެ.


"މީ ފެމެލީ ފިލްމެއް. މާނައަކީ ފެމިލީ މީހުންނާއެކީ އައިސް ބަލައިލެވޭނެ ފިލްމެކޭ. އަދި ފެމެލީ އެންމެން އެކުގަ ގިނަފަހަރު އާދެވޭނީ ވެސް ދުވާލުތާ. އެހެންވީމަ އަޅުގަނޑުމެން މި ބާއްވަނީ ޕްރިމިއަރ ނައިޓުގެ ބަދަލުގަ ޕްރިމިއަރ ޑޭއެއް." ސާޖީ ވިދާޅުވިއެވެ.


މިއީ ހިޔާލީ ވާހަކައަކަށް ތައްޔާރުކޮށް، ހުރިހާ އުމުރުފުރައެއްގެ މީހުން ޝައުގުވެރިވާނެ ގޮތަކަށް އުފައްދާފައިވާ ފިލްމެކެވެ. އާއިލާގެ އެންމެންނާއެކު ވެސް ބަލައިލެވޭގޮތަށް މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެްދެނީ އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިގެންނެވެ.


މިއީ މިފަހުގެ ތާރީޚެއްގައި ފެމެލީ ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމު ވެސް މެއެވެ.


ސްކްރީން ރައިޓަރ މަހުދީ އަހުމަދުގެ ކްރިއޭޓިވް ސްކްރީންޕްލޭގެ މައްޗަށް އުފައްދާފައިވާ ރޮބޯމޭންގެ ލޯބިވާ ކެރެކްޓަރ އަށް ދިރުމެއް ގެނެސްދޭނީ ފޯރިގަދަ ފިކްޝަނަލް އެޑްވެންޗަރ އަކުންނެވެ.


ފިލްމުގެ ލީޑް ރޯލުން އުމުރުން 8 އަހަރުގެ އަމީލިއާ ނަސްރުﷲ ޝަކީބު އާއި ދިހަ އަހަރުގެ މިޝާ އިސްމާއިލް ނިޔާޒު ފެނިގެންދާ މި ފިލުމުގައި ދެ ފަންނާނުންގެ ހުނަރު ވަރަށް ފުރިހަމައަށް ވަނީ ދައްކުވައިދީފައިކަން ޓްރެއިލަރތަކުން ހާމަވެއެވެ.


މިހައިތަނަށް އާންމުކޮށްފައިވާ ޓްރެއިލަރ އިން އެންމެން ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ 2040 ވަނަ އަހަރު މާލެ އާއި ބްރިޖް އޮންނާނެ ގޮތުގެ މަންޒަރު ދައްކާލި މަންޒަރަށްކަން މީސްމީޑިއާ އަށް ބަލައިލުމުން އެނގެއެވެ.


އިބްރާހިމް ވިސާމް (ކަނޑި) އާއި މުހައްމަދު މުންތަސީރު (މުންކޮ) ގެ ޑައިނަމިކް ޑޫއޯ އިން ޑައިރެކްޓް ކުރާ އެ ފިލްމަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެންދާނެ ފިލުމަކަށް ވާނެކަން ޔަގީނެވެ.


މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް މި ފިލްމު އޯކޭޒް އިންކް އިން އިއުލާނުކޮށް، އޮޑިޝަން ބާއްވާފައިވަނީ ޖޫން މަހުއެވެ. މި އޮޑިޝަންގައި 100 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައި ވެއެވެ.


އޯކޭޒް އިންކް އިން ބުނީ މި ފިލްމުގެ ޝޯވތައް ކޮންމެދުވަހަކު ވެސް މެންދުރުފަހު 2 ޖަހާއިރު އާއި ހަވީރު 4 ޖަހާއިރު އޮލިމްޕަހުގެ ސިލްވަރ ސްކްރީންގައި ދައްކާނެ ކަމަށެވެ. އެ ޝޯވތަކަށް ޓިކެޓް ވިއްކަން ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު