ރޮބޯމޭން ދަ މޫވީ: އާއިލާގެ ހުރިހައި މެމްބަރުން އެކުގައި ބަލައިލަން ވަރަށް ކަމުދޭ

3 weeks ago

އަފްރާހް

އާއިލާގެ ހުރިހައި މެމްބަރުންނާއެކު އެެއްތަނެއްގައި ތިބެގެން ބަލައިލެވޭނެ ފިލްމުތައް ހަދައި، އެއަށް ތަރުހީބު ލިބޭނެކަން އޯކޭޒް އިންކް އާއި މީޑިއާ ނެޓުން ހާމަކޮށްދީފިއެވެ.


އެގޮތުން 'ރޮބޯމޭން ދަ މޫވީ' އަކީ އެފަދަ ފިލްމެކެވެ. ސެޕްޓެމްބަރ 26 ވީ ބުރާސްފަތިި ދުވަހުގެ މެންދުރު 2 ޖެހިއިރު، އޮލިމްޕަސް ސިނަމާގައި ޕްރިމިއަރކުރި މި ފިލްމަކީ މިފަހަކަށް އައިސް އާއިލާގެ ހުރިހައި މެމްބަރުންނަށް އެކުގައި ބަލައިލަން ލިބޭނެ އެންމެކަމުދާ ފިލްމަަށްވާނެއެވެ.


ޕްރިމިއަރ ޑޭ ޝޯވ ވެސް ހައުސްފުލްވެފައިވާއިރު، ކުރިއަށް އޮތް 5 ޝޯވ ވެސް މިހާރުވަނީ ހައުސްފުލްވެފައި ކަމަށް އޯކޭޒް އިންކް އިން 'އޮއިވަރު' އަށް ވަނީ މައުލޫމާތު ދީފައެވެ.


މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔަ އުމުރުން 8 އަހަރުގެ އަމީލިއާ ނަސްރުﷲ ޝަކީބު އާއި 10 އަހަރުގެ މިޝާ އިސްމާއިލް ނިޔާޒުގެ ހުނަރަށް އައްސަރިބަހާއި ސާބަސް ހައްގެވެ. ޑައިލޮގް ޑެލިވަރީ އާއި ފޭސް އެކްސްޕްރެޝަން ވެސް ތަފާތެވެ. އެހެން ތަރިންގެ ހުނަރު ވެސް މޮޅެވެ.


ފިލްމުގެ ކުރި މަރައިލާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. އެހެންކަމުން ފިލްމުގެ މަންޒަރުތައް ސިފަކޮށްދީ، ވާނުވާ ކިޔުމުގެ ބަދަލުގައި އަޅުގަނޑު ވެސް އެދެނީ އާއިލާގެ އެންމެންނާއެކު ޓިކެޓެއް ގަނެ، ފިލްމު ބަލައިލަން ދިއުމަށެވެ.


އޯކޭޒް އިންކް ގެ އެއްބާނީ އަދި ޕްރޮޑިއުސަރ އަހްމަދު ސާޖީ 'އޮއިވަރު' އަށް މީގެކުރީން ވެސް ވިދާޅުވެފައިވަނީ މިއީ ފެމެލީ ފިލްމެއް ކަމަށާއި ފެމިލީ މީހުންނާއެކީ އައިސް ބަލައިލެވޭނެ ފިލްމެއް ކަމަށެވެ.


ހަގީގަތަކީ ވެސް އެއީ އެވެ. ފިލްމު ބެލި ގިނަ މީހުން ވެސް މިކަމަށް އިއްތިފާގު ވެއެވެ.


ހިޔާލީ ވާހަކައަކަށް ތައްޔާރުކޮށް، ހުރިހާ އުމުރުފުރައެއްގެ މީހުން ޝައުގުވެރިވާނެ ގޮތަކަށް އުފައްދާފައިވާ މި ފިލްމަކީ ފަހުގެ ތާރީޚެއްގައި ފެމެލީ ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމު ވެސް މެއެވެ.


ސްކްރީން ރައިޓަރ މަހުދީ އަހުމަދުގެ ކްރިއޭޓިވް ސްކްރީންޕްލޭގެ މައްޗަށް އުފައްދާފައިވާ ރޮބޯމޭންގެ ލޯބިވާ ކެރެކްޓަރ އަށް ދިރުމެއް ގެނެސްދީފައިވަނނީ ފޯރިގަދަ ފިކްޝަނަލް އެޑްވެންޗަރ އަކުންނެވެ. އަދި ފިލްމުގެ ބެކް މިއުޒިކް ޝަހީދު ލެގަސީ ހަދާދީފައިވާއިރު، އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްދީފައެވެ.


އިބްރާހިމް ވިސާމް (ކަނޑި) އާއި މުހައްމަދު މުންތަސީރު (މުންކޮ) ގެ ޑައިނަމިކް ޑޫއޯ އިން ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ކާސްޓުން ހޯދުމަށް ޖޫން މަހު ބޭއްވި އޮޑިޝަންގައި 100 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައި ވެއެވެ.


އޯކޭޒް އިންކް އިން ބުނީ މި ފިލްމުގެ ޝޯވތައް ކޮންމެދުވަހަކު ވެސް މެންދުރުފަހު 2 ޖަހާއިރު އާއި ހަވީރު 4 ޖަހާއިރު އޮލިމްޕަހުގެ ސިލްވަރ ސްކްރީންގައި ދައްކާނެ ކަމަށެވެ.


އެ ޝޯވތަކަށް ޓިކެޓް ހޯދުމަށް 7656000 އަށް ގުޅުމަށް އޯކޭޒް އިންކް އިން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު