ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނުކުތީ ބޭރަށް

3 weeks ago

އަފްރާހް

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދުއެތަނުން ނުކުމެއްޖެއެވެ.


ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.


ހީނާ ވިދާޅުވީ އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެފައިވާ ކަމަށެވެ.


 


މީގެއިތުރުން ހީނާ ވަނީ ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަލަސްތީނާމެދު ގެންގުޅުއްވާ ހާއްސަ ކަމާއި، ފަލަސްތީނުގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުންކަމަށެވެ.


ހީނާ ވިދާޅުވީ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައިވާ ކަމަށެވެ.


ހަމަމިއާއެކު ‏އދ.ގެ އާންމު މަޖިލީހުގައި ރައީސް ޑރ. މުޢިއްޒު ކުރެއްވި ތަގްރީރުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައިވާކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު