ދި ހޯކްސްގެ ޗެއަރމަން ކަމަދޫ ރައްޔިތުން އުމްރާ އަށް ފޮނުވަނީ

2 hours ago

އަފްރާހް

ދި ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން، އަހްމަދު ރަޝީދު ހަސަންގެ ހަރަދުގައި ބ. ކަމަދޫގެ ރައްޔިތުން އުމުރާގެ އަޅުކަމަށް ފޮނުވަން ފަށައިފިއެވެ.


ބ. އަތޮޅުގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއްކަމުގައިވާ އޭދަފުށީ ޓައިމްސް (އީޓީ) ގައި ކަމަދޫ ކައުންސިލުގެ ރައީސް ހަސަން ޒަރީރު އާ ހަވާލާދި ބުނެފައިވަނީ 564 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުން 124 މީހަކު މި ފުރުސަތަށް އެދިފައިވާ ކަމަށެވެ.


އެ މީހުންގެ ތެރެއިން 10 މީހަކު މިދިޔަ މަހު، އުމުރާގެ އަޅުކަން އަދާކޮށްފައިވާއިރު، އިތުރު 15 މީހުން މިއަހަރުގެ ޑިސެމްބަރ މަހު ފޮނުވާނެ ކަމަށެވެ.


އުމުރާ އަށް ފޮނުވާނެ މީހުން ކަނޑައަޅަނީ ކައުންސިލް އިދާރާއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ގުރުއަތުލައިގެން ކަމަށާއި މި ގުރުއަތުލުން ކުރިއަށްދަނީ ރަށުގެ ރައްޔިތުންގެ ހާޟިރުގައި، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އެ ނޫހުގައި ވެއެވެ.


އުމްރާގެ އަޅުކަން އަދާނުކޮށް އެރަށުގައި ތިބި އެންމެނަށް އެ ފުރުސަތު ފަހިކޮށްދޭނެކަމަށާއި މިއީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމުގައި ކައުންސިލުގެ ރައީސް ވިދާޅުވިކަމަށް އީޓީގައި ވެއެވެ.


ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރާ ދަ ހޯކްސްގެ ޗެއަރމަން އަހްމަދު ރަޝީދު ހަސަން އަކީ ކަމަދޫ އަށް ނިސްބަތްވާ ވިޔަފާރިވެއެކެވެ. އަދި އޭނާ އަންނަނީ އެރަށުގެ އެކިއެކި އިޖުތިމާއީ ޙަރަކާތްތަކަށް ވެސް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު