ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންފި

6 months ago

އަފްރާހް

ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.


'އެކްސް' ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސައުދީ އަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒް ސިއްހަތާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.


މީގެ އިތުރުން ސައުދީގެ ރަސްގެފާނަށް ރަނގަޅު ސިއްހަތަކާއި ދިގު އުމުރެއް ދެއްވުމަށް ދުޢާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.


ރިޕޯޓުތައް ބުނާގޮތުން ސައުދީގެ ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާތާ މިހާރުވަނީ ދުވަސްތަކެއް ވެފައެވެ. އަދި ތަހުލީލުތަކުން ދައްކާގޮތުގައި ފުއްޕާމާގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާކަން އެނގިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.


ސަލްމާން ރަސްގެފާނު، އެގައުމުގެ ރަސްކަމާއި ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރުއެވެ. އުމުރުން 88 އަހަރުގެ ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ރަސްމީ ދަތުރުފުޅު ވެސް ފަސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު