ރައީސް ރާއްޖެ ވަޑައިގެންފި

3 weeks ago

އަފްރާހް

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.


އެމެރިކާއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި، ނުވަތަ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަގްރީރު ކުރައްވާފައެވެ. އަދި ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވެސް ތަގްރީރު ކުރައްވާފައެވެ. 


މިއީ މީގެ 59 އަހަރު ކުރިން، އދ.ގެ މެންބަރަކަށް ރާއްޖެ ވީ ފަހުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.


އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ މުހިންމު މައުޟޫއުތަކަށް އެތައް ތަގްރީރެއް ދެއްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. 


މީގެއިތުރުން އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ. ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.


ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ އޮފީހަށްވެސް ޒިޔާރަތް ކުރައްވާފައެވެ.


އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް، އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެނެންނެވީ މި ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.


މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވީ ރާއްޖެ، އދ.ގެ މެންބަރު ޤައުމަކަށް ވިތާ 59 އަހަރު ފުރުނު މުނާސަބާއާ ވެސް މެއެވެ. 


މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު