ރާއްޖޭގެ ތަރައްގީގެ ކުރިމަގު ބައްޓަންކުރުމުގައި މިއީ މުހިންމު ދުވަސްކޮޅެއް: ޑރ. ހައިދަރު

3 weeks ago

އަފްރާހް

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ތައުލީމީ ޒުވާނުންގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޭނުންވާކަމަށް ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއެއްޖެއެވެ.


ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވެނިވި ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މުޅި ރާއްޖެ އިންތިޒާރުކުރަނީ ފަންނީ އެކި ރޮނގުތަކުން ދަސްވެނިވާ ދަރިވަރުންގެ ތަނަވަސް ހިޔާލުތަކާއި، އެ ދަރިވަރުންގެ އުންމީދީ ތަސައްވުރުތަކަށްކަމަށެވެ.


މީގެއިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ކުރިމަގު ބައްޓަންކުރުމުގައި މި ދުވަސްކޮޅަކީ މުހިންމު ދުވަސްކޮޅެއްކަމަށެވެ. ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްކުރަން ފެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފައިވާކަމަށާއި، އެކަމަށް ތައުލީމީ ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.


މިކަމަކީ ހަމައެކަނި އުމްރާނީ ތަރައްގީ ހާސިލުކުރުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި މިކަން ވެގެންދާނީ ރާއްޖޭގެ އިޤްތިސާދު ބަރޯސާވެފައިވާ ބޮޑެތި ސިނައަތްތަކާއި އަލަށް ތައާރަފުކުރެވޭނެ ސިނާއަތްތައް ވެސް ތަރައްގީކުރުމުގައި ވަކި އަމާޒުތަކަކާއި ލަނޑުދަނޑިތަކެއް އޮވެގެން ގައުމީ މަސައްކަތްތަކެއް ކުރުމަށް ރާވާލެވޭ ދިގުމުއްދަތުގެ މަގުޗާޓަކަށް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ގައުމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށްވާއިރު، ފަންނީ އެކި ރޮނގުތަކުން ދަސްވެނިވާ ދަރިވަރުންނަކީ އެ ފިކުރީ ތަރައްޤީ ގެނައުމުގެ ބައިވެރިންކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


ރައީސް ޑރ. މުއިއްޒު އދ. ގެ އާންމު މަޖިލީހުގެ 59 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި 2040 ވަނަ އަހަރުގައި ރާއްޖެއަކީ ތަރައްޤީވެފައިވާ ގައުމަކަށް ހެއްދެވުމުގެ އަމާޒު ހާމަކުރެއްވިކަމަށާއި، އެ ލަނޑުދަނޑި ހާސިލުކުރުމަށް ފަންނީ އެކި ރޮނގުތަކުން ދަސްވެވެނިވާ އަދި ދަސްވެނިވެފައިވާ ތައުލީމީ ޒުވާނުންގެ ބައިވެރިވުން ނުހަނު ބޭނުންވާނެކަމަށެވެ.


"މިފަދަ އުސްމިންތަކަކަށް ރާއްޖެ ގެންދިއުމުގައި އެންމެހާ ދިވެހިރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އަމަލީ މަސައްކަތް ބޭނުންވާނެ. ވަކިން ހާއްސަކޮށް ތިޔަ ދަސްވެނިން ފަދަ އިލްމީ ގާބިލު ރައްޔިތުންގެ ހިއްސާ ބޮޑު" މިނިސްޓަރ ވިދާޅުވިއެވެ.


އިއްޔެ ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ދެ ރަސްމިއްޔާތުގައި ޖުމުލަ 796 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު