ރައީސް ހާމަކޮށްދެއްވީ ރާއްޖެއަކީ ބަސްބުނަން ކެރޭ ގައުމެއްކަން: ގާސިމް

3 weeks ago

އަފްރާހް

ރާއްޖެއަކީ ބަސްބުނަން ކެރޭ ގައުމެއްކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކޮށްދެއްވައިފި ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސް ޑރ. މުއިއްޒު ރާއްޖެ ވަޑައިގަތުމާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ފޯސްޓުގައި ގާސިމްގެ އަމިއްލަ ނަންފުޅުގައިއާއި ޖުމްހޫރީ ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ރައީސް އަށް މަރުހަބާއާއި ތަހުނިޔާ ވަނީ ދަންނަވާފައެވެ.


މީގެއިތުރުން ‏ޖިއޮގްރަފީގޮތުން ކިތަންމެ ކުޑަނަމަވެސް، އދ ގެ އާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރީގައިވެސް ރާއްޖޭގެ ބައެއް ވެރީން ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލް ކުރައްވާ، ރާއްޖެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި މުޅިދުނިޔެއަށް ދިމާވެފައިވާ އެކިއެކި ކަންތައްތަކާއި ގުޅޭ ގޮތުން މުނާސަބުގޮތެއްގައި އަޑުއުފުއްލަވާފައިވާކަން ފާހަގަކުރެއްވިއެވެ. ‏


އެހެންނަމަވެސް މީގެ 59 އަހަރު ކުރީން ދިވެހީންގެ ފަޚުރުވެރި މިނިވަން ދިދަ، އދ ގެ އިދާރާގައި ވިހުރެންފެށިފަހުން، މި ގައުމުގެ ވެރިޔަކު އދ ގައި ދިވެހި ގައުމުގެ އަޑު އިއްވައިނުދެއްވާހާ ފުރިހަމައަށް، އަދުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ދިވެހި ގައުމު ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއެކު، ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް ދެކިވަޑައިގަންނަވާކަމަށް ގާސިމް ވިދާޅުވިއެވެ.


"މި ލޮބުވެތި ޤައުމަކީ ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދު ކުރާ ތަޞައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން، ރައީސް ޑރ މުޢިއްޒު އެވަނީ ވަރަށް ސާބިތު ކަމާއެކު ދައްކުވައިދެއްވާފަ." ގާސިމް ވިދާޅުވިއެވެ.


ހަމަމިއާއެކު އދ ގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސް ދެއްވި ތަގްރީރު ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަކަން ފާހަގަކުރައްވައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ހާއްސާކޮށް ވެރިކަމުގެ 5 އަހަރުގެ ދައުރެއް ލިބިވަޑައިގެންނަމަވެސް އދ ގައި ރާއްޖެ ތަމްސީލް ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުޢިއްޒުގެ ތަގްރީރު އޮޅުން ފިލާވަޑައިނުގަތްނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީގައި އެމަނިކުފާނުގެ ތަގްރީރް އެވަނީ ހިމެނިފައިކަމަށެވެ.


މީގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަގްރީރު ކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސް އަކީ ވެސް ރައީސް ޑރ. މުއިއްޒުކަން ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ކަމާއި، އދ ގެ 79 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރައްވާފައިކަން ގާސިމް ފާހަގަކުރެއްވިއެވެ.


‏ހާއްސަކޮށް ގޮތެއްގައި ދިވެހިގައުމުގެ ވިންދާއި ގުޅިފައިވާ ފަލަސްޠީންގެ މައްސަލައިގައި ސިޙްޔޫނީ ދައުލަތުން ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކުރައްވާ ދެއްކެވި ވާހަކަފުޅު މުޅި އިސްލާމީ ދުނިޔެއާއި، އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައިވަނީ ނުހަނު މަތީ ތަރުހީބަކާއި އެކުގައިކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.


އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެނެންނެވީ މި ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.


މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވީ ރާއްޖެ، އދ.ގެ މެންބަރު ގައުމަކަށް ވިތާ 59 އަހަރު ފުރުނު މުނާސަބާއާ ވެސް މެއެވެ.


މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު