ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަ އިތުރުވަނީ

3 weeks ago

އަފްރާހް

ސައްހަ ނޫން ބޭންކް ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަ އިތުރުވަމުން އަންނަކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ މިގޮތަށް އޮޅުވާލައިގެން ބެންކު ޓްރާންސްފަރ ސްލިޕްތައް ފޮނުވާ ފަރާތްތަކުން ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަނޫން ޓްރާންސްފަރ ސްލިޕް އުފައްދާކަން މިހައިތަނަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.


ހާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާކަން ފުލުހުން ވިދާޅުވިއެވެ.


އެހެންކަމުން މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު