މުދާ އުފުލާ ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލުކޮށްފި - މީހަކަށް އަނިޔާއެއް ނުވޭ

3 weeks ago

އަފްރާހް

ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުން ދިޔަ "ހަމްދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލުކޮށްފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އެ ދޯނީގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ. ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 7:20 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އެދޯނީގައި ރޯވެފައިވާ އަލިފާން ނިންވާލުމަށް ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނަށް އެހީތެރިވުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވެސް މިއަދު 11 ން ފެށިގެން ހަރަކާތްތެރިވަމުން އަންނަކަމަށް ވިދާޅުވިއެވެ.


އެމްއެނޑީއެފް އިން ވިދާޅުވީ "ހަމްދު" ދޯނީގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރެވިފައިވާއިރު، މި ދޯނިން ދަތުރުކުރަމުން ދިޔައީ 4 މީހުން ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.


އެހެންނަމަވެސް، ދޯނި ވަނީ ވަރަށް ބޮޑަށް އަނދާފައި ކަަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު