މިއަހަރުގެ އޭޝިއަން އައިކަން ސިމާނު ހާދީ އަށް

3 weeks ago

އަފްރާހް

މިއަހަރުގެ އޭޝިއަން އައިކަން އެވޯޑް ސިމާނު ހާދީ އަށް ލިބިއްޖެއެވެ.


މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމު އަދާކުރައްވާ ސިމާނު ހާދީ އަށް މިއެވޯޑު ހަވާލުކޮށްދެއްވީ މިހަފުލާގެ ޝަރަފްވެރި މެހެމާން، ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާއެވެ.


މިއީ ރާއްޖެއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއަކަށްވާއިރު، އޭޝިއާ ސަރަހައްދުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހްސިއްޔަތުތަކަށް ހާއްސަކޮށްގެންދޭ މި ޝަރަފުވެރި އެވޯޑު، ސިމާނު އަށް ލިބިވަޑައިގަތީ "އެކްސެލެންސް އިން އިވެންޓް އޯގަނައިޒިންގ އެންޑް ޕަބްލިކް ރިލޭޝަންސް" ގެ ދާއިރާއިންނެވެ.


މިކަމާއި ގުޅިގެން 'އޮއިވަރު' އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ މި ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރަައްވައި، ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު އިންތިޒާމުކުރައްވާފައެވެ.


އެގޮތުން ސިމާނު ވަނީ އައްޑޫ ސިޓީގައި ވޭތުވެދިޔަ ތިން އަހަރު ވަންދެން އަޟްހާ އީދުގެ މުނާސަބަތުގައި ބޭއްވި "އައްޑޫ ޢީދި ސަމާ" ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި ފަންނާނުންގެ ޝޯވތަކާއި ޖަލްސާތަކާއި ކޮންފަރެންސްތަކާއި އެހެނިހެން މުހިންމު ހަރަކާތްތައް ރާވައި، ހިންގުމުގައި ވެސް އިސްދައުރެއް އަދާކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ފުވައްމުލައް ސިޓީ އަށް ނިސްބަތްވާ މި ހުނަރުވެރި ޒުވާން ސިމާނު ޢަލީ މިހާރު ވެސް ގެންދަވަނީ ރާއްޖޭގެ އެކި ދާއިރާތަކަށް ޕަބްލިކް ރިލޭޝަންސް ކޮންސަލްޓަންސީ ހިދުމަތް ފޯރުކޮށްދެއްވަމުންނެވެ.


ސިމާން ވިދާޅުވީ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއެކު ވެސް ތަފާތު އެކި އިވެންޓުތައް ރާވައި، ހިންގުމުގައި ޢަމަލީ ތަޖުރިބާ ހޯއްދަވާފައެވެ.


ކޮންގްރެސް ޕާޓީގެ ހެޑުގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ސިމާން ވަނީ ގޮންޖެހުންތަކާއި ކުރިމަތިވިޔަސް، ހިތްވަރާއެކު މަސައްކަތް ކުރުމަށް ޒުވާނުންގެ ކިބައިން އެދިލައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު