ރޯޑް ސޭފްޓީ އެވެއަރނަސް ރޯޑް ޝޯވތަކެއް ހުޅުމާލޭގައި ބާއްވައިފި

3 weeks ago

އަފްރާހް

ހުޅުމާލެ ފޭސް 1 އަދި 2 ގައި ރޯޑް ޝޯވތަކެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ މާލެ އާއި ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަަށް ހެދުމާއި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރަމުންއަންނަ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގި ހަރަކާތެކެވެ.


މި ހަފުތާ ބަންދުގައި ފޭސް 1 އަދި 2 ގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ރޯޑް ޝޯވތަކުގައި، އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް ޗުއްޓީ ދުވަސްވަރު ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.


އެގޮތުން، ޗުއްޓީއަށް ފުރައިގެން ދިއުމުގެ ކުރިން މުދަލާއި ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތައް ބުނެދީފައިވެއެވެ. އަދި ހުޅުމާލެއަށް ޗުއްޓީއަށް އައިސް އުޅޭ ފަރާތްތަކުން ވެސް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.


މީގެއިތުރުން މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަން ބުނެދީފައިވެއެވެ.


ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންދިޔަ ރޯޑް ޝޯވގައި އަޑުގަދަކުރާ ބޭނުންކޮށްގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މެސެޖުތައް ދީފައިވެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތާއި އެމެޖެންސީ ހާލްތަކުގައި ގުޅާނެ ނަންބަރުތައް ހިމެނޭ ލީފްލެޓް، ސްޓީކަރ، ފްލަޔަރ ބަހާފައިވެއެވެ. އަދި ޓްރެފިކް ނިޝާންތަކާ ގުޅޭ މައުލޫމާތު ހިމެނޭ ކުލަޖައްސާފޮތް ކުޑަކުދިންނަށް ހަދިޔާކޮށްފައިވެއެވެ.


ހަމަމިއާއެކު ކުޑަކުދިން ފުލުހުންގެ ޔުނިފޯމުލައިގެން ފުލުހުންގެ ވެހިކަލުގައި ފޮޓޯ ނެގުމުގެ ހަރަކާތަކާއި ޓައިކްވޮންޑޯ ހަރަކާތްތައް އާންމުންނަށް ދައްކައިލުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.


ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ފޭސް 2 ގައި ކުރިއަށް ގެންދިޔަ ރޯޑް ޝޯވގައި، ރޯޑް ޕޮލިސް، ހުޅުމާލެ ޓްރެފިކް ޑިޕާޓްމަންޓް، ކްރައިމް ޕްރިވެންޝަން އަދި ޓައިކްވޮންޑޯ މޯލްޑިވްސް ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު