ލަންދޫގައި ބޭއްވި މޫދު ކަސްރަތުން އުފާވެރިކަން ޕްރޮގްރާމު ނިމިއްޖެ

3 weeks ago

އަފްރާހް

ނ. ލަންދޫ ރައްޔިތުންނަށް ހާއްސަކޮށްގެން އެ ރަށުގައި "މޫދުކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ހިންގައިފިއެވެ.


މިއީ މްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ނ.ލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ސެޕްޓެންބަރު 26 ވަނަ ދުވަހުގެ ރޭ ލަންދޫ ސްކޫލުގައި ބޭއްވި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ޕްރޮގްރާމްގެ މުއްދަތުގައި ބަރުދަން ލުއިކުރި ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއިކުރި 3 ވަނަ، 2 ވަނަ އަދި 1 ވަނައަށް ސެޓިފިކެޓާއި އެވޯޑް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ.


މިއީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު ކައުންސިލްއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމްގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ.


މީގެއިތުރުން މި ޕްރޮގްރާމްގައި ބައިވެރިންނަށް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި ލީޑަރޝިފާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި އަދަބު އަޙްލާޤާއި ރިވެތި އާދަކާދަތަކާއި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި އާދަތައް ކިޔަދީފައިވެއެވެ.


މި ރަސްމިއްޔާތުގައި "މޫދުކަސްރަތުން އުފާވެރިކަން" ފުރިހަމަކުރެއްވި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ ނޮދަން އޭރިއާ ކޮމާންޑްގެ އެސް1، ކެޕްޓަން އަޙްމަދު އިހްސާނާއި ނޮދަން އޭރިއާ ކޮމާންޑުގެ އެސް3، ކެޕްޓަން މުޙައްމަދު ސަވާދު ސަޢުދުﷲ އެވެ. އަދި އެޓެންޑެންސް އެވޯޑާއި، ބެސްޓް މޯޓިވޭޓަރ އެވޯޑް ހާސިލުކުރި ބައިވެރިންނަށް ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްދެއްވީ ނ.ލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރަޢީސާ، ހައްވާ ސުޖާޖާއެވެ.


ސެޕްޓެންބަރު 3 އިން 25 އަށް ހިންގި މި ޕްރޮގްރާމްގައި އެ ރަށުގެ 67 އަންހެނުން، ޕްރޮގްރާމް ފުރިހަމަ ކުރެއްވިއެވެ. މި ޕްރޮގްރާމްގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފިޒިކަލް ފިޓްނަސް އިންސްޓްރަކްޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު