މަނަދޫއާއި މިލަދޫގައި އިސް ރަށްވެހިންގެ މައިޒާން ބާއްވައިފި

3 weeks ago

އަފްރާހް

ނ. މަނަދޫއާއި މިލަދޫގައި ދިރިއުޅެމުންދާ އިސް ރަށްވެހިންނަށް ހާއްސަކޮށްގެން ”އިސް ރަށްވެހިންގެ މައިޒާން” ނަމުގައި ހަވީރެއް ބާއްވައިފިއެވެ.


ނ. އަތޮޅު ފުލުހުންނާއި ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓު އަދި ދެ ރަށުގެ ކައުންސިލާއި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ފުލުހުން އަދާކުރަމުންދާ ޒިންމާތަކުގެ އިތުރުން، އާންމު ރައްޔިތުންނާ އޮންނަ ގުޅުން އިތުރުކޮށް، ރަށްރަށުގެ އާރުކާޓީންގެ ގޮތުގައި އުޅުނު ދުވަސްވީ މީހުންގެ މަސައްކަތްތަކާއި، ދައްކާފައިވާ ނަމޫނާ ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ.


މި ހަވީރުގައި، އިސް ރަށްވެހިންގެ އިތުރުން ރަށު ކައުންސިލާއި، ކަމުވޮށިގެންވާ މީހުން ބައިވެރިވެ އިސް ރަށްވެހިންނާއެކު ވަގުތު ހޭދަކޮށް ޝުއޫރު ފާޅުކުރުމުގައި ބައިވެރިވިއެވެ. އަދި ދުވަސްވުމުގެ ސަބަބުންނާއި، ބަލިހާލަތުގެ ސަބަބުން އާންމުކޮށް ގެއިން ބޭރަށް ނުކުމެ ނޫޅެވާ މީހުންނާއި، އެމީހުންނާއެކު ކުރިން އެކުގައި އުޅުނު މީހުން އެއްތަނެއްގައި ބައްދަލުކޮށް، ވާހަކަ ދައްކައި، ޝުއޫރު ފާޅުކޮށް ހިތްހަމަ ޖައްސާލުމަށްޓަމައި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.


ރާއްޖޭގައި މިހާރު ހުރި އެންމެ ކަންބޮޑުވާ މައްސަލަތަކާއި އެފަދަ ކަމެއް ދިމާވާ ހާލަތުގައި އަމަލުކުރަންވީ ގޮތާއި ސަލާމަތްވާނެގޮތުގެ މައުލޫމާތުދިނުމަށް ޑްރާމާތަކެއްގެ ސިފައިގައި، އެކަންކަމަށް ހޭލުންތެރި ކުރުވުމަށް މައުލޫމާތުދީފައިވެއެވެ. ހަވީރުގެ ސަޔާއެކު ދެރަށުގައި ވެސް ކުރިއަށް ގެންދިޔަ މި މައިޒާނުގައި އިސް ރަށްވެހިންގެ ހެލްތު ސްކްރީންކުރުން ހޮސްޕިޓަލާއި ސިއްހީ މަރުކަޒުން ކުރިއަށް ގެންގޮސްފައިވެއެވެ.


މި ހަވީރުގައި، ފުލުހުން ރެޔާއި ދުވާލު އަދާ ކުރަމުންދާ ޚިތުމަތަށް އިސް ރަށްވެހިންގެ ފަރާތުން ޝުކުރު އަދާކޮށްފައިވެއެވެ.


މިލަދޫ އިސް ރަށްވެހިންގެ މައިޒާން ސެޕްޓެންބަރު 27 ވަނަ ދުވަހު ބާއްވާފައިވާއިރު މަނަދޫގައި އިސް ރަށްވެހިންގެ މައިޒާން ބާއްވާފައިވަނީ ސެޕްޓެންބަރު 20 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު