ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ހުޅުމާލޭގަ

3 weeks ago

އަފްރާހް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ހުޅުމާލޭގައި ފަށައިފިއެވެ.


ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ، މާސް އިންސްޕެކްޝަންގެ ދެވަނަ އިންސްޕެކްޝަން ފެށީ މި ސެޕްޓެމްބަރ މަހުގެ 29 ވީ އާދީއްތަ ދުވަހުއެވެ.


ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ މި އިންސްޕެކްޝަންގައި ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭހެން 27 ޒޯނެއް ވަނީ ބަލައި ފާސްކޮށްފައެވެ.


މި ހަރަކާތުގެ މަގްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަތުމެވެ. އަދި އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޟިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުމެވެ.


މީގެކުރިން މާލޭގައި ވެސް އިމިގްރޭޝަނުން ވަނީ މިފަދަ ބޮޑު އިންސްޕެކްޝަނެއް ކުރިޔަށް ގެންގޮސްފައެވެ.


ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންތަކުގައި މިހާތަނަށް ފާއިތުވި 10 މަސް ތެރޭގައި 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު