ތޭރަ ފުލުހަކު ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ފުރައިފި

3 weeks ago

އަފްރާހް

ދިވެހި ފުލުހުންގެ ޚިދުމަތުގެ 13 ފުލުހަކު ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ފުރައިފިއެވެ. 


މި ފުލުހުން ތުރުކީ، ސިންގަޕޫރު އަދި އެމިރޭޓްސްގައި ހާއްސަ ތަމްރީނުތަކެއް، އެ ޕްރޮގްރާމަކަށް ހޮވިފައިވާ ފުލުހުން ފުރިހަމަކުރާނެއެވެ. މި ތަމްރީންތަކަކީ ގާނޫނު ތަންފީޒުކުރުމާއި، ލީޑަރޝިޕް އަދި ފުލުހުންގެ މަސައްކަތުގެ އެކި ދާއިރާތަކުން މީހުން ބިނާކޮށް ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީންތަކެކެވެ.


ތުރުކީގެ ނޭޝަނަލް ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ ދެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް 10 ފުލުހަކު ތުރުކީއަށް ވަނީ ފުރާފައެވެ. މި ފުލުހުން ބައިވެރިވާނީ އަންޑަރގްރެޖުއޭޓް އަދި މާސްޓާސް ލެވެލްގެ ތަމްރީނު ޕްރޮގްރާމްތަކެއްގައެވެ.


2024 އޮކްޓޯބަރު 7 އިން 2026 ސެޕްޓެންބަރު 30 އަށް ހިންގޭ ފަސްޓް ސްޓޭޖް ސުޕަވައިޒަރ ތަމްރީނު އަދި ނޮން-ތީސިސް މާސްޓަރސް ޕްރޮގްރާމްގައި ސާޖަންޓް މުޙައްމަދު އަފްރާޙް، ސާޖަންޓް ޢާއިޝަތު ރަފްޝާ، ސާޖަންޓް އަޙްމަދު އަމީން ރަޝީދު، ސާޖަންޓް މުޙައްމަދު މިފްރާޙް އަދި ކޮންސްޓަބަލް ފާޠިމަތު ހަމްލާ ބައިވެރިވާނެއެވެ. ދެ އަހަރުގެ މި ޕްރޮގްރާމްގައި ހިމެނެނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކާއި، އިންސާނީ ހައްގުތަކާއި ފުލުހުންގެ މަސައްކަތް، ޓެރަރިޒަމް، ފުލުހުންގެ ލީޑަރޝިޕް އަދި ސެކިއުރިޓީ މެނޭޖްމަންޓް ފަދަ މޮޑިއުލްތައް ހިމެނޭ މާސްޓަރސް ލެވެލްގެ މުގައްރަރެކެވެ. 


މީގެ އިތުރުން، ބައިވެރިން ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު އަދި ޓެކްޓިކަލް ތަމްރީނުތައް ވެސް ފުރިހަމަކުރާނެއެވެ.


މީގެ އިތުރުން، 2024 އޮކްޓޯބަރު 7 އިން 2029 ސެޕްޓެންބަރު 30 އަށް ހިންގޭ އަންޑަރގްރެޖުއޭޓް ތަމްރީނު ޕްރޮގްރާމް (ބެޗްލަރސް) ގައި ބައިވެރިވުމަށް 5 ފުލުހަކު ވަނީ ފުރާފައެވެ. ކޮންސްޓަބަލް އަޒާން އަޙްމަދު، ކޮންސްޓަބަލް ޙަސަން އަނަސް ނާފިޒު، ކޮންސްޓަބަލް އިންޝާ އިސްމާޢީލް ޖިހާދު، ކޮންސްޓަބަލް އިބްރާހީމް ޞަލާޙް އަދި ކޮންސްޓަބަލް ޙުސައިން ޔާސިރު މި ތަމްރީނު ފަށާނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކުންނެވެ. އޭގެ ފަހުން ގާނޫނު، ސިޔާސަތު، މެނޭޖްމަންޓް އަދި ކްރިމިނޮލޮޖީ ފަދަ މާއްދާތައް ހިމެނޭ ބެޗްލަރސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާނެއެވެ. މާސްޓަރސް ޕްރޮގްރާމްގެ ބައިވެރިންނެކޭ އެއްފަދައިން، މި ފުލުހުން ވެސް ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު އަދި ޓެކްޓިކަލް ތަމްރީނުތައް ފުރިހަމަކުރާނެއެވެ.


ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ތައުސީފް އަދި ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ފަތުޙީ، ސިންގަޕޫރު ޕޮލިސް ފޯސްއިން ހިންގާ ސީނިއަރ އޮފިސަރުންގެ އަސާސީ ކޯހުގައި ބައިވެރި ވުމަށްވަނީ ފުރާފައެވެ. 2024 ސެޕްޓެންބަރު 30 އިން 2024 ޖޫން 30 އަށް ހިންގޭ 10 މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ބައިވެރިންގެ ލީޑަރޝިޕާއި ޓެކްޓިކަލް ހުނަރުތައް އިތުރުކުރުމަށެވެ. މި ރެސިޑެންޝަލް ކޯހުގައި ހިމެނެނީ ފުލުހުންގެ ޑިފެންސް ޓެކްޓިކްސް، ފިޒިކަލް ޓްރޭނިންގ، ގާނޫނު އަދި ލީޑަރޝިޕް މާއްދާ ތަކެވެ. މީގެ އިތުރުން ބޭރު އެހެން ގައުމެއްގައި ކުރިއަށްދާ ބައެއް ވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.


ތުރުކީއާއި ސިންގަޕޫރަށް ގޮސްފައިވާ އޮފިސަރުންގެ އިތުރުން، ކޮންސްޓަބަލް ޢާއިޝަތު ޒޫނާ މުޙައްމަދު ވަނީ އަބޫދާބީ، ޔޫއޭއީގައި ހިންގޭ ޕޮލިސް އެކަޑަމީ އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރައިފައެވެ. ޔޫއޭއީގެ އިންޓީރިއަރ މިނިސްޓްރީއާ ގުޅިގެން އަބޫދާބީ ޕޮލިސް ކޮލެޖުން އިންތިޒާމުކުރާ މި ޕްރޮގްރާމް ކުރިއަށްދާނީ 2024 އޮކްޓޯބަރު 01 އިން 2025 ޖަނަވަރީ 31 އަށެވެ.


މި ހަތަރު މަސްދުވަހުގެ ރެސިޑެންޝަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ހިމެނެނީ ފިޒިކަލް ޓްރޭނިންގ އާއި، މަރޗިންގ ޑްރިލްސް، ފުލުހުންގެ މަސައްކަތުގެ އަމަލީ ތަމްރީނުތައް އަދި އިލްމީ ދިރާސާތަކެވެ. 


ކިޔުންތެރިންގެ ހިޔާލު