ދީމާ އަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރކަން

4 months ago

ސާއި

ރާއްޖެގައި އުފެދުނު އެންމެމޮޅު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީ އަށް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުކަން ދީފިއެވެ.


އެމްބެސެޑަރޝިޕް، ދީމާއާ ހަވާލުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދެވެ.


ދިރާގުގެ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިމާ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ދީމާ އަކީ މުޅި ގައުމު ފަހުރުވެރިވާ ފަދަ ދަރިއެއް ކަމަށާއި ބޮޑު ވަމުން އަންނަ އެތައް ކުދިންނެއް ނަމޫނާ ނަގަމުން އަންނަ ކުއްޖެއް ކަމަށެވެ.


ދީމާ އަކީ ދެކުނު އޭޝިއާގެ މި އަހަރުގެ އޮލިމްޕިކް ކޮލިފައިން މުބާރާތް ކާމިޔާބުކޮށް، އޮލިމްޕިކްސް އަށް ރާއްޖެ އިން ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓަށްވާއިރު، އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔަކަށް ވާނީ ވެސް ދީމާއެވެ.


ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމާއިގުޅިގެން ދީމާ ބުނީ ވަރަށް އުފާވާ ކަމަށާއި އޭނާގެ ކުރިއެރުމަށް އެ ކުންފުނިން ދެމުންދާ އެހީތެރިކަަމަށް ޝުކުރުއަދާކުރާ ކަމަށެވެ.


ދީމާ އިތުރަށް ބުނީ މުސްތަގުބަލުގައި ވެސް ކުޅިވަރުގައި ރާއްޖެ އާއި ބޭރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ކާމިޔާބީތައް ހާސިލު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.


ދިރާގުން ބްރޭންޑް އެމްބެސެޑަރޝިޕް ޕްރޮގްރާމު ކުރިއަށް ގެންދާތާ 10 އަހަރުވެފައިވާއިރު، މިއުޒިޝަން މަރްހޫމް އަހުމަދު ނާޝިދު (ޒީރޯ ޑިގްރީ) އާއި ސާފާ އިބްރާހިމް އަރީފާއި އަބްދުލްޣަފޫރު އަލީ (ގައްބެ) އާއި ދުވުންތެރިޔާ ހަސަން ސާއިދާއި ޒޫނާ ނަސީމް ފަދަ ފަރާތްތައް ވަނީ ދިރާގުގެ ބްރޭންދް އެމްބެސެޑަރުކަން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު