ޗައިނާ އާއެކު އޮތް ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިވުމަކީ ތަސައްވުރު: ރައީސް

3 weeks ago

އަފްރާހް

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި އިހްތިރާމާއި ސިޔާދަތު ދެމެހެއްޓުމާއެކު އިސްތިގްލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ.


ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުން ކަމަށެވެ. އަދި ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫން ވެސް ގިނަ އުމްރާނީ މަޝްރޫއުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް ވިދާޅުވިއެވެ.


ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސް ވަނީ އެ ގައުމުގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ ޢަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ އިގްތިސާދުގައި ބާރުވެރި ގައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ގައުމުގެ ތަރައްގީ ޒަމާނާ ހަމަހަމަކުރުމަށް އަޙައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ހާސިލްކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


‎މީގެއިތުރުން ދެ ގައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވަނީ ކުރިއަށް އޮތް ތަނުގައި ވިޔަފާރި އާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ޘަގާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އެމަނިކުފާނު ކުރައްވާ ތަސައްވުރު ހިއްސާކުރައްވާފައިވެއެވެ.


‎މުސްތަގްބަލުގައި ދެ ގައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުސަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަގީންކުރައްވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.


ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު