ރާއްޖެއާއި ޗައިނާގެ ގުޅުމުން ދެގައުމަށް ފާގަތިކަން ގެނެސްދޭ: ޗައިނާ ސަފީރު

3 weeks ago

އަފްރާހް

ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ކުޑަ ގައުމަކާއި ބޮޑު ޤައުމެއްގެ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ރަނގަޅު މިސާލެއް ކަމުގައި ޗައިނާގެ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބާގައި ބޭއްވި ރިސެޕްޝަންގައި ވާހަކަ ދައްކަމުންނެވެ.


ސަފީރު ވަނީ އެ ގުޅުމަކީ އިތުބާރާއި އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ދެ ގައުމަށް ފާގަތިކަން ގެނެސްދޭ ގުޅުމެއް ކަމަށެވެ.


މީގެއިތުރުން މި ގުޅުމުގެ ތެރެއިން ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސް، ތަރައްގީގެ ރޮނގުން ރާއްޖެއަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ސިނަމާލެ ބްރިޖާއި، ގެދޮރުވެރިކަމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މިސާލެއްގެ ގޮތުގައި ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވިފައިވާކަން ވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ގުޅުމުގެ ތެރެއިން ތަރައްގީގެ އިތުރު މަޝްރޫއުތައް ރޭވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.


އެކަމަނާ ވަނީ ރާއްޖޭގެ ތަރައްގީއަށް އެގައުމުން އަބަދު ވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ތަރައްގީގެ ރޮނގުން ރާއްޖެއިން އިތުރު ކުރިއެރުންތަކެއް ހޯއްދަވާނޭކަމަށް ޔަގީން ކުރައްވާކަމަށް ވެސް އެކަމަނާ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު