ހުޅުމާލޭގައި ހިންގި ބޮޑު އޮޕަރޭޝަން ނިންމާފައިފި

3 weeks ago

އަފްރާހް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހުޅުމާލޭގައި ހިންގި މާސް އިންޕެކްޝަން ނިންމާލައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ މި ހަރަކާތް ނިންމާލުމަށްފަހު، ގްރޫޕް ލީޑަރުން، މި ހަރަކާތުން ހާސިލްވި ކަންތައްތަކާއި ގޮންޖެހުންތަކާއި ނަތީޖާއާއި ގުޅިގެން މަޝްވަރާކޮށްފައިވާ ކަަމަށެވެ.


ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގި މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.


އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 314 ތަނެއް ބަލާފާސްކޮށް 769 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި މި އޮޕަރޭޝަނުގައި ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ވަނީ އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައެވެ. އަދި ޤަވާއިދާ ޚިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިން (ވަޒީފާ ދޭ ފަރާތްތަކަށް) ވަނީ ލިޔުމުން ނަސޭހަތްދީފައެވެ. އަދި ދެވުނު ނޯޓިސްއާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ މި ފަރާތްތަކާއި މެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.


އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެމީހުންނަށް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ. 


ކިޔުންތެރިންގެ ހިޔާލު