ރާއްޖެއާއި ޗައިނާގެ ގުޅުން އައު އުސްމިންތަކަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

3 weeks ago

އަފްރާހް

ރާއްޖެއާއި ޗައިނާގެ ގުޅުން އައު އުސްމިންތަކަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް ޝީ ޖިންޕިންގް އަށާއި ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާގެ ބޮޑުވަޒީރު ލީ ޗާންގް އަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސިޓީފުޅުގައެވެ.


ޗައިނާގެ ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި "ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ގައުމު ހިއްސާކުރާ ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާއި އިސްތިގްލާލީ ހަމަހަމަކަމާއި ސަރަހައްދީ ނަޒާހާތްތެރިކަން ނުވަތަ ބޭރުގެ ފަރާތަކުން އަތުވެދާނެ އުދުވާނަކުން ދިފާއުވުމަށް ލިބިދީފައި އޮތް ހައްގާއި ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ވަނީ ތަކުރާރު ކުރައްވާފައެވެ.


މީގެއިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވަމުން ދާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަން ހާމަކުރައްވައި، މި ކުރިއެރުންތަކުގެ ސަބަބުން ދެ ގައުމަށް ވެސް ފައިދާކުރަނިވި ހެޔޮ ބަދަލުތަކެއް ލިބެމުން ދާނެ ކަމަށް އެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.


ބޮޑުވަޒީރު ލީ ޗާންގް އަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ދެ ގައުމުގެ މަސްލަހަތު އޮތް ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ވެފައިވާ ވައުދު ތަކުރާރު ކުރައްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި މިހާރުވެސް އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް އަދި މިގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ވެސް އެ ސިޓީފުޅުގައި ވަނީ ދެއްވާފައެވެ.


ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ، 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުގެ މުނާސަބަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު