3 months ago
7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފިއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން، މުދައްރިސުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ މި ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.
އޮކްޓޫބަރު މަހުގެ 1-2 އަށް މި ކޮންފަރެންސް އޮންނާނީ ސީ.އެޗް.އެސް.އީ- މާލޭގައެވެ.
މިއަހަރުގެ ކޮންފަރެންސަށް ހާއްސަ ކުރެވިފައިވާ ތީމް އަކީ "Educate، Empower, Elevate: Equitable Education for 21st Century Excellence" އެވެ.
މިއީ ބައިނަލްއަގްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. ދެ ދުވަހަށް ދެމިގެންދާ މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރީ ކޮށްފައިވެއެވެ.
މިއަހަރުގެ ކޮންފަރެންސްއަށް 60 ރިސަރޗް ޕޭޕަރާއި، 4 ކޭސް ސްޓަޑީ ހުށަހަޅާފައިވެއެވެ. އަދި ދެ ކީނޯޓާއި ދެ ޕެނަލް ޑިސްކަޝަން ކުރިއަށްދާއިރު، މި ކޮންފަރެންސްގެ މަގްސަދަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެވިދާނެ ގޮތްތައް ދެނެގަތުމެވެ. އަދި ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމެވެ.
މީގެއިތުރުން ބޭރު ގައުމުތަކުގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށްދިނުމާއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ކުރިއެރުވުމަކީ ވެސް މަގްސަދެކެވެ.
2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވިއެވެ.