ހުރިހާކުދިން ޝާމިލުވާގޮތަށް ތައުލީމުގެ ފުރުސަތު ވާސިލުވާން ބޭނުން: މެޑަމް ސާޖިދާ

3 weeks ago

އަފްރާހް

ކުދިންގެ ހަސަބާއި ނަސަބަށް ބެލުމެއްނެތި، ހުރިހާކުދިން ޝާމިލުވާގޮތަށް ކޮންމެ ކުއްޖަކާ ހިސާބަށް ތައުލީމުގެ ފުރުސަތު ވާސިލުވާން ބޭނުންފުޅުވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ 7 ވަނަ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ބޭއްވި މި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ހަމަހަމަ ފުރުސަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކުމެ ތައުލީމުގައި ޝާމިލުވާކަން ޔަގީންކުރުމަކީ އަބަދުވެސް ރާއްޖޭގެ ތައުލީމު ކުރިއެރުވުމުގައި އިސްކަންދެމުންއައި ގޮތް ކަމުގައެވެ.


މީގެއިތުރުން މުދައްރިސުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސްކޫލްގައި ހޭދަކުރަންޖެހޭ ވަގުތު ވަކިވަރެއްގައި ހިފެހެއްޓުމާއި ކިޔަވައިދިނުމުގައި ޙަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ އިދާރީ މަސައްކަތްތައް މަދުކޮށް، އުނގަންނައިދިނުމުގެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަގުތު ހުސްކޮށްދިނުންފަދަ ކަންކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު މުދައްރިސުންނަށް ފަންނީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، މަސައްކަތު ބައްދަލުވުންތައް ކުރިޔަށްގެންގޮސް، ތާޒާކުރުމުގެ ޕްރޮގްރާމުތައް ރާވާ ހިންގާ، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.


‎ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި ދަތިތަކާއި ހުރަސްތައް ފާހަގަކުރައްވައި، ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ހާއްސަގޮތެއްގައި ރަށްފުށުގެ ތައުލީމީ ނިޒާމު ހަރުދަނާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް، އެކުގައި މަސައްކަތްކޮށް، ބިނާކުރަނިވި ޙައްލުތައް ހޯދައި، ތަޢުލީމީ ވަސީލަތްތަކާއި، ގޮތްތަކާއި، ފުރުޞަތުތައް އިތުރުކުރުމުގައި ޓެކްނޮލޮޖީގެ ދައުރު އެ ކަމަނާ ފާހަގަކުރެއްވިއެވެ.


‎ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް، މުދައްރިސުންގެ ދައުރު އަދާކުރުމުގެ އިތުރުން ރަށްރަށުގައި ކިޔަވައިދޭ ޓީޗަރުން، އެ މުޖުތަމަޢުތަކުގެ މުރުޝިދުންނާއި ވެރީންގެ ގޮތުގައި ޙަރަކާތްތެރިވާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު