އިސްރަށްވެހިންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް: މިނިސްޓަރ

3 weeks ago

އަފްރާހް

އިސްރަށްވެހިންނަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީގޮތުންވެސް ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.


މި އިންޓަރވިއުގައި މިނިސްޓަރ ވަނީ ރާއްޖޭގެ އާބާދީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އާބާދީގެ 5 އިންސައްތަ ނުވަތަ އާބާދީގެ 20،000 އަށްވުރެ ގިނަ މީހުންނަކީ ދޮށީ އުމުރުގެ މީހުންކަން ފާހަގަ ކުރައްވާފައެވެ.


މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނަކީ އިއްޔެގެ ހިދުމަތްތެރިން ކަމަށާއި ކަންކަން ފަހިކުރުމުގެ މޭސްތިރިންގެ ގޮތުގައި ތިބި ތަޖުރިބާކާރުންކަން ވެސް ފާހަގަކުރައްވާފައި ވެއެވެ. އަދި މިހާރުވެސް ދޮށީއުމުރުގެ މީހުންނަށް ޢާއިލާތަކާ މުޖުތަމައު އަދި ޖަމްޢިއްޔާ ޖަމާޢަތްތަކުން ދެމުންދާ ލޯތްބާ އަޅާލުން ވަނީ ފާހަގަކުރައްވާފައެވެ.


މިނިސްޓަރ ވަނީ ދޮށީއުމުރުގެ އާބާދީއަކީ ދުޅަހެޔޮ އުފާވެރި، އާބާދީއެއްކަން ކަށަވަރުކުރުމާއެކު، އެ މީހުންގެ އަގު ވަޒަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމީހުންގެ ހުނަރުތައް ގެއްލުނަ ނުދީ، އުފާވެރި މާހައުލެއްގައި އެމީހުންގެ ތަޖުރިބާތަކާއި ވާހަކަތައް ހިއްސާކުރެވޭނެ ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އިސްރަށްވެހިންގެ ނާދީގެ ގޮތުގައި މަރުކަޒެއް ގާއިމްކޮށްދެއްވި ކަމަށްޓަކައި ވަނީ ޝުކުރު ވެސް އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު